Tuesday, 28 July 2026
މާލެ ސަރަހައްދުގެ ވައި ވަރަށް ބޮޑަށް ވަނީ ނުސާފުވެފައި.-- ފޮޓޯ: ރާއްޖެ24

ކުރިއަށް އޮތް ފަސް ދުވަހު މުޅި ރާއްޖެއަށް ދުންފުހުގެ އަސަރު ކުރާނެ

ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ދުންފުހުގެ އަސަރު ފޯރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ. އެ އިދާރާއިން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މިއަދުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ދުންފުހުގެ އަސަރު ފެންނަން ހުންނާނެއެވެ.

މެޓް އޮފީހުން ހާމަކުރި ގޮތުގައި މިހާރު ވެސް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ދަނީ ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރަމުންނެވެ. މިކަމުގެ ސަބަބުން ވައި ނުސާފުވެ، ފެންނަ ފެނުމަށް ބަދަލުތަކެއް އަންނަމުންދާ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.

މޫސުމާ ބެހޭ ރިޕޯޓްތަކަށް ބަލާއިރު، ހާއްސަކޮށް އުތުރުގެ ރަށްތަކުގައި ދުރު ފެންނަ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެގޮތުން ބައެއް ސަރަހައްދުތަކުގައި ދުރު ފެންނަ މިންވަރު ދެ ކިލޯމީޓަރަށް ވުރެ ދަށަށް ގޮސްފައިވާ ކަމަށް މެޓް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ދުންފުހުގެ އަސަރު ކުރިއަށް އޮތް ފަސް ދުވަހު ވެސް ދެމިގެންދާނެ ކަމަށް ބެލެވޭތީ، ބޭރުގައި ގިނަ ވަގުތު އުޅޭ ފަރާތްތަކާއި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. މި ދުވަސްވަރު ސިއްހީ ރައްކާތެރިކަމަށް ބަލައިގެން އުޅުމަކީ މުހިންމު ކަމެއް ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *