ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގެ ކެމްޕެއިންގައި ހެންވޭރު ހުޅަނގު ދާއިރާގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައިވެރިވެވަޑައިގެންފިއެވެ. މި ހަރަކާތުގެ ތެރެއިން ރައީސް ވަނީ އެ ދާއިރާގެ ބައެއް ގެތަކަށް ޒިޔާރަތްކުރައްވައި، ރައްޔިތުންނާ ބައްދަލުކުރައްވައި އެ ބޭފުޅުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައި ހާލު ބައްލަވައިލައްވާފައެވެ.
ލޯކަލް ކައުންސިލު އިންތިހާބުގައި ޕީއެންސީގެ ފަރާތުން މާލެ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއެކު ރައީސް ކުރައްވަމުންދާ މި ސިލްސިލާ ޒިޔާރަތްތަކުގައި ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް އަންނަނީ ކިޔަމުންނެވެ. އެގޮތުން މިއަދު ހެންވޭރު ހުޅަނގަށް ވަޑައިގަތުމުން ވެސް ގިނަ އަދަދެއްގެ ރައްޔިތުން މަގުމަތިން އެމަނިކުފާނާ ބައްދަލުކޮށް، އެކި ހިޔާލުތަކާއި ޝަކުވާތައް ހިއްސާކޮށްފައިވެއެވެ.
މި ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިންގެ އިތުރުން ކޮންގްރެސް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ. ރައީސް ޑރ. މުޢިއްޒަކީ މާލެ ސިޓީގެ މޭޔަރުގެ މަގާމުގައި ހުންނެވިއިރުވެސް ކޮންމެ ހަފުތާއަކުހެން އާންމުންގެ ގެތަކަށް ޒިޔާރަތްކުރައްވައި ރައްޔިތުންގެ ހާލު ބެއްލެވުމަށް ހާއްސަ އިސްކަމެއް ދެއްވި ބޭފުޅެކެވެ.
ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ވެސް ރައީސް ގެންދަވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރައްވައި ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ. މީގެ އިތުރުން މާލޭގެ ހުރިހާ އަވަށްތަކުގެ ރައްޔިތުންނާ ވަކިވަކިން ބައްދަލުކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް އެމަނިކުފާނު ވަރަށް ބޮޑު އިސްކަމެއް ދެއްވައެވެ. މިގޮތުން ކެމްޕެއިން ހަރަކާތްތަކުގައި ބައްދަލުވާ ކޮންމެ މީހަކަށް ވެސް ވަގުތު ދެއްވައި، އެމީހުންގެ ވާހަކަތައް އެމަނިކުފާނު އަޑުއައްސަވައެވެ.
ކުރިއަށް އޮތް ކައުންސިލު އިންތިހާބަށް ޕީއެންސީން މުޅި ރާއްޖޭގައި ފުޅާދާއިރާއެއްގައި ކެމްޕެއިން ކުރަމުންދާއިރު، ރައީސް ވަނީ ކެންޑިޑޭޓުންނަށް ވެސް ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރުމަށް އިލްތިމާސްކުރައްވާފައެވެ. އެމަނިކުފާނުގެ އިރުޝާދާ އެއްގޮތަށް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން މިހާރު ގެންދަނީ މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގައި ދޮރުން ދޮރަށް ހިނގައި، ރައްޔިތުންގެ ތާއީދު ހޯދުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށް ގެންދަމުންނެވެ.


