މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ދަށުން ދޫކުރާ ގޯއްޗަށް އެދުމުގެ ފުރުސަތު އަންނަ ހަފުތާގައި ހަމަވާއިރު މިހާތަނަށް ގޯއްޗަށް އެދިފައި ވަނީ 1،633 މީހުން ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ދައުލަތުގެ މީޑިއާއަށް ހައުސިން މިނިސްޓްރީން ބުނީ މިހާތަނަށް ޖުމުލަ 5،067 މީހުން ގޯއްޗާއި ފުލެޓަށް އެދި ފޯމު ހުށައަޅާފަވާކަމަށެވެ. އޭގެ ތެރެއިން ފުލެޓަށް އެދި 3،434 މީހުން ފޯމު ހުށަހެޅިއިރު ގޯއްޗަށް އެދި 1،633 މީހުން ވަނީ ފޯމު ހުށަހަޅާފައެވެ.
ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު އޭޕްރީލް 17އާ ހަމައަށް ދީފައިވާއިރު ގޯއްޗަށް އެދުމުގެ ފަހު ފުރުސަތަކީ މާޗު 4 ވަނަ ދުވަހުގެ ރޭގަނޑު 11:59 އެވެ. މީގެ ކުރިން ހިންގި ބޯހިޔާވަހިކަމުގެ ސްކީމުތަކޭ އެއްގޮތަށް މިފަހަރުގެ ސްކީމުގައި ވެސް އެންމެ ގިނަ ބަޔަކު ހުށަހަޅަނީ ފްލެޓަށެވެ.
މި ސްކީމުގެ އުސޫލުގެ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ 7،900 ފުލެޓާއި، 1،250 އަކަފޫޓުގެ 15,000 ގޯތި ދޫކުރަން ހަމަޖެހިފައިވެއެވެ.


