ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ފަރާތްޕުޅުން ރާއްޖޭގައި ކުރިއަށްގެންދާ ރޯދަވީއްލުމުގެ ހާއްސަ މަޝްރޫއު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. އިސްލާމީ މަރުކަޒުގައި އިއްޔެ ހަވީރު ބޭއްވި މި ރަސްމިއްޔާތު އިފްތިތާހުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
މި މަޝްރޫއުގެ ދަށުން ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 150 މީހުންނަށް ރޯދަވީއްލުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން އިންތިޒާމުކުރާ މި ހަރަކާތަކީ ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި އަދި އުހުއްވަތްތެރި ގުޅުން ރަމްޒުކޮށްދޭ މުހިންމު މަސައްކަތެއް ކަމަށް ވަޒީރު ޝަހީމް ފާހަގަކުރެއްވިއެވެ.
މި ހަރަކާތް ފެށުމަށްޓަކައި ސައުދީ އަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސް ވަފުދެއް މިހާރު ރާއްޖެ ވަޑައިގެންފައިވާއިރު، ވަޒީރު ވިދާޅުވީ މި މަޝްރޫއު އިފްތިތާހުކުރުމަށްޓަކައި ސައުދީގެ އިސް ވަފުދެއް ރާއްޖެ ވަޑައިގަނެފައި ވާއިރު ދެފަރާތުން ގުޅިގެން ހާއްސަ ކަންތައްތަކެއް ކުރިޔަށް ގެންދިޔުމަށް ވަނީ ރޭވިފައި ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ދީނީ އަދި އިޖުތިމާއީ ހަރަކާތްތައް ދެ ގައުމު ގުޅިގެން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.
ސައުދީ ސަރުކާރުން ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް ރާއްޖޭގައި މިފަދަ އެހީތެރިކަމުގެ ހަރަކާތްތައް ހިންގަމުން އަންނައިރު، މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ފުރަތަމަ ރޯދަވީއްލުމުގައި ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފައެވެ.


