މި ސަމިޓަކީ ތާރީޚީ ދުނިޔެއަށް ހުޅުވާލެވިފައިވާ ބައްދަލުވުމެއްގެ ގޮތުގައި ސިފަކުރައްވަމުން، ދުނިޔޭގެ އާބާދީގެ ހަބައިކުޅަ އެއްބައި ދިރިއުޅޭ އިންޑިއާއިން 'ގްލޯބަލް ސައުތު' ގައި ބޭއްވޭ ފުރަތަމަ އޭއައި ސަމިޓް ހޯސްޓް ކުރުމަކީ ފަޚުރުވެރިވާ ކަމެއް ކަމަށް މޯދީ ވިދާޅުވިއެވެ. އަދި އިންޑިއާގެ ޒުވާން އާބާދީއާއި، ޓެކްނޮލޮޖީގެ ހުނަރުވެރިންނާއި، ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ޑިޖިޓަލް ނިޒާމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
ބޮޑުވަޒީރު ވިދާޅުވި ގޮތުގައި އޭއައި އަކީ އިންސާނީ ތާރީޚުގައި އަންނަ ބޮޑު ބަދަލެކެވެ. މިއަދު މި ފެންނަނީ އޭގެ ނުފޫޒުގެ ފެށުން އެކަނި ކަމަށް ވިދާޅުވެ، އޭއައިގެ ސަބަބުން އިންސާނުންގެ ގާބިލުކަން އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމަށް ފާހަގަކުރެއްވިއެވެ. ނަމަވެސް، އޭއައި ކުރިއަރަމުންދާ ހަލުވި ދުވެއްޔާއެކު ޒިންމާދާރުކަން އިސްކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އަދި ނިއުކްލިއާ ޓެކްނޮލޮޖީއާ މިސާލު ޖައްސަވަމުން، މުހިންމީ އޭއައި އިން ކުރިމަގުގައި ކުރެވޭނެ ކަންކަމަށްވުރެ ބޮޑަށް، މިހާރު އޭއައި ބޭނުންކުރުމުގައި އަޅުގަނޑުމެން ނިންމާ ގޮތްތައް ކަމަށް ވިދާޅުވިއެވެ.
އޭއައިގެ 'މާނަވް' (M.A.N.A.V.) ތަސައްވުރު
މި ސަމިޓުގައި ބޮޑުވަޒީރު ވަނީ އިންޑިއާގެ އޭއައި ތަސައްވުރު 'މާނަވް' އިފްތިތާހު ކޮށްދެއްވާފައެވެ. މީގެ މައިގަނޑު ފަސް އަސާސަކީ:
- M (Moral): އަޚްލާގީ އަދި ސުލޫކީ މިންގަނޑުތަކަށް ފެތޭ ނިޒާމަކަށްވުން.
- A (Accountable): ޖަވާބުދާރީވާނެ ހާމަކަންބޮޑު ގަވާއިދުތަކެއް އޮތުން.
- N (National Sovereignty): ޑޭޓާގެ މިލްކުވެރިކަން އޭގެ ހައްގުވެރިންނަށް އޮތުން.
- A (Accessible): އެންމެންނަށް ބޭނުންކުރެވޭ، ވަކި ބައެއްގެ މޮނޮޕޮލީއަކަށް ނުވުން.
- V (Valid): ގާނޫނީ ގޮތުން ސައްހަ އަދި އިތުބާރު ހުރި ނިޒާމަކަށްވުން.
ބޮޑުވަޒީރު މޯދީ ވިދާޅުވީ އޭއައި އަކީ އެންމެންގެ ލާބައާއި މަންފާއަށް ބޭނުންކުރާ ވަސީލަތަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އޭއައި ކުރިއެރުވުމުގައި އިންސާނުންނަކީ ހަމައެކަނި 'ޑޭޓާ' ތަކެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، އޭއައިގެ ފުރިހަމަ ކޮންޓްރޯލް އޮންނަންވާނީ އިންސާނުންގެ އަތްމަތީގައި ކަމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
ނިންމަވާލައްވަމުން ބޮޑުވަޒީރު ވަނީ އޭއައި އަކީ ދުނިޔޭގެ އާންމު ފައިދާއަށް އޮތް އެއްޗެއްގެ ގޮތުގައި ތަރައްގީކުރުމަށް ބައިނަލްއަގުވާމީ އެއްބާރުލުމަށް ގޮވާލައްވާފައެވެ. އަދި އޭއައިގެ ސަބަބުން ވަޒީފާތަކަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމަށްޓަކައި، އާ ހުނަރުތައް ދަސްކުރުމަކީ މުޅި މުޖުތަމައުގެ ހަރަކާތަކަށް ހެދުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.


