ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން، ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު އިއްޔެ ރިޓަޔާކުރެއްވުމާ ގުޅިގެން، އެ މުއައްސަސާ ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީއާ ހަވާލުކުރައްވައިފިއެވެ. ނަވީން ރިޓަޔަކުރެއްވުމާ ގުޅިގެން ފުލުހުންގެ އިދާރާ ހިންގުމުގެ ޒިންމާ ފަރުހާދާ ހަވާލުކުރަން ނިންމެވީ މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާނެވެ.
މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު ސީޕީގެ މަގާމާ ހަވާލުވެވަޑައިގެންނެވި ނަވީން ރިޓަޔާ ކުރެއްވިއިރު، އޭނާ އެ މަގާމަށް އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު މިދިޔަ އަހަރުގެ އޭޕްރީލް މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނަވީންގެ އިތުރުން ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމް ވެސް ވަނީ މީގެ ކުރިން ސީޕީގެ މަގާމަށް ކުރިމަތިލައްވާފައެވެ.
ފުލުހުންގެ މުއައްސަސާ ހިންގުން ވަގުތީ ގޮތުން ފަރުހާދާ ހަވާލުކުރެއްވި ނަމަވެސް، އޭނާއާ ގުޅޭ ސީރިއަސް ތުހުމަތުތަކެއް ފެންމަތިވެފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން އަމިއްލަ ދަރިފުޅަށް ތުހުމަތުކުރެވޭ ރޭޕްގެ މައްސަލައެއްގައި ހެކި ނައްތާލި ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވޭއިރު، މިކަމުގެ ހަގީގަތް މިހާތަނަށް ރަސްމީ އެއްވެސް އިދާރާއަކުން ސާފުކޮށްދީފައެއް ނުވެއެވެ.


