މި އަހަރުގެ ރަމަޟާން މަހަށް އަމާޒުކޮށްގެން ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ ޤުރުއާން ކިޔެވުމުގެ މުބާރާތް މި މަހުގެ 22 ވަނަ ދުވަހު ފެށުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ. މި މުބާރާތަކީ އޮފީސްތަކުގެ މުވައްޒަފުންގެ މެދުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރުކުރުމަށާއި، ވާދަވެރި މާހައުލެއްގައި ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް 2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.
މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި އަހަރުގެ މުބާރާތުގައި ޖުމްލަ 21 އިދާރާއަކުން 71 ބައިވެރިން ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ ކިޔެވުންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ކިންގް ސަލްމާން މިސްކިތުގެ އޮޑިޓޯރިއަމްގައެވެ.
މިދިޔަ އަހަރުން ފެށިގެން މި މުބާރާތް އިންތިޒާމުކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ބެލުމުގެ ދަށުންނެވެ. މިދިޔަ އަހަރު ބޭއްވުނު މުބާރާތުގައި 24 އޮފީހަކުން 94 މުވައްޒަފުން ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.
އިސްލާމިކް މިނިސްޓްރީން ބާއްވާ މި މުބާރާތަކީ ސަރުކާރުގެ އިދާރާތަކުގެ މެދުގައި ދީނީ ރޫހު އާލާކުރުމަށް ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.


