މާދަމާއަކީ މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ފަލަކީ އިލްމުވެރިޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ. ފަލަކީ ހިސާބުތަކަށް ބިނާކޮށް އެމަނިކުފާނު މިކަން ހާމަކުރެއްވީ މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށެވެ. މި މުނާސަބަތުގައި އެމަނިކުފާނު ވަނީ މުޅި އިސްލާމީ އުންމަތަށް ރޯދަ މަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވާފައެވެ. ފަލަކީ ކަންކަމުގައި ރައީސް މައުމޫން ދެއްވާ މައުލޫމާތަކީ ގިނަ ދިވެހިންގެ އިތުބާރު ލިބިފައިވާ މައުލޫމާތުތަކެކެވެ.
މިއަހަރުގެ ކަލަންޑަރުގައިވާ ގޮތުން ވެސް ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާދަމާއެވެ. ރައީސް މައުމޫންގެ މި ވާހަކަފުޅު އައިސްފައި މިވަނީ ރޯދަ މަހުގެ ހަނދާ ބެހޭގޮތުން އާންމުންގެ މެދުގައި ޝައުގުވެރިކަން އިތުރުވެފައިވާ ވަގުތެއްގައެވެ.
ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމަށް ބާއްވާ ރަސްމީ ޖަލްސާ މިރޭ އޮންނާނެއެވެ. އިސްލާމިކް މިނިސްޓްރީން ބާއްވާ މި ޖަލްސާގައި، ހަނދު ފެނުމާ ބެހޭގޮތުން ލިބޭ މައުލޫމާތަށް ބިނާކޮށް، ރޯދަ މަހުގެ ފުރަތަމަ ދުވަސް ރަސްމީކޮށް އިއުލާން ކުރާނެއެވެ.


