މި ގަރާރުގައި މައިގަނޑު ގޮތެއްގައި ކަންބޮޑުވުން ފާޅުކޮށްފައިވަނީ ޕެންޝަން ފަންޑު މެދުވެރިކޮށް ނާޖާއިޒް މުއާމަލާތްތަކެއް ހިންގައިގެން ސަރުކާރަށް ފައިސާ ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނާ މައްސަލައަށެވެ. މެންބަރު ކުޑޫ ވިދާޅުވީ، މިއީ މަޖިލީހުގެ ހުއްދައެއް ނެތި އަދި މަޖިލީހަށް އެންގުމަކާ ނުލައި ފިނޭންސް މިނިސްޓްރީން ބަޔާންކޮށްފައިވާ އުސޫލުތަކުގެ ބޭރުން ހިންގާ ކަންކަން ކަމަށެވެ. އަދި މި މައްސަލައިގައި ޕެންޝަން އޮފީހުގެ ބޯޑު މެންބަރުންތަކެއް އިސްތިއުފާ ދެއްވާފައިވާކަން ވެސް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
ގަރާރުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ސަރުކާރުގެ މި އަމަލުތަކުގެ ސަބަބުން ޕެންޝަން ފަންޑުގައި ހުރި ރައްޔިތުންގެ ފައިސާ ހުސްވެ، ރާއްޖޭގެ މުޅި މާލީ ނިޒާމަށް އޮތް އިތުބާރު ގެއްލިގެން ހިނގައިދާނެ އެވެ. މީގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ވެއްޓި، ބޭރު ފައިސާގެ އަގު އިންތިހާއަށް މަތިވުމުގެ ނަތީޖާއެއްގެ ގޮތުން މުދަލާއި ހިދުމަތުގެ އަގުތައް އުފުލި، ދައުލަތުގެ މާލީ ހާލަތު ނުރައްކާތެރި ފައްތަރަކަށް ހިނގައިދާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.
މި ގަރާރު ހުށަހެޅުމުގެ މައިގަނޑު މަގުސަދަކީ ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމާއި، ގާނޫނުއަސާސީން މަޖިލީހާ މަތިކޮށްފައިވާ ދުސްތޫރީ ވާޖިބު އަދާކުރުން ކަމަށް މެންބަރު ވިދާޅުވި އެވެ. ސަރުކާރުން ގާނޫނީ އިމުގެ ތެރެއިން މާލީ ކަންކަން ބެލެހެއްޓުމަށް ބާރުއެޅުމަކީ މިވަގުތު ދައުލަތުގެ މާލީ ރައްކާތެރިކަމަށް ކޮންމެހެން މުހިންމު ކަމެއްގެ ގޮތުގައި ގަރާރުގައި ވަނީ ފާހަގަކޮށްފަ އެވެ.


