Tuesday, 28 July 2026
މާލެ ސަރަހައްދުގެ ވައި ވަރަށް ބޮޑަށް ވަނީ ނުސާފުވެފައި.-- ފޮޓޯ: ރާއްޖެ24

ރާއްޖޭގެ ސަރަހައްދަށް ނުރައްކާ މިންވަރަކަށް ވައިނުސާފުވެ ސަމާލުވާން އިލްތިމާސްކޮށްފި

ރާއްޖޭގެ ސަރަހައްދަށް ނުރައްކާތެރި މިންވަރަކަށް ވައިނުސާފުވެ، މުޅި ރާއްޖެއަށް އޭގެ އަސަރު ކުރަމުންދާތީ ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން އިލްތިމާސްކޮށްފިއެވެ. މެޓް އޮފީހުން ހާމަކުރި ގޮތުގައި، އިރުއުތުރު މޫސުމުގެ ވަޔާއެކު އަންނަ ދުންފުނީގެ އަސަރު މިއަދު މުޅި ރާއްޖެއަށް، ހާއްސަކޮށް މެދުރާއްޖެތެރޭގެ ހިސާބުތަކަށް ދަނީ ކުރަމުންނެވެ. މިކަމުގެ ސަބަބުން ދުރު ފެންނަ މިންވަރު ތިން ކިލޯމީޓަރަށް ވުރެ ދަށަށް ގޮސްފައިވާ ކަމަށްވެސް އެ އިދާރާއިން ރިޕޯޓްކޮށްފައިވެއެވެ.

ކުރިއަށް އޮތް ފަސް ދުވަހުވެސް ދުންފުނީގެ އަސަރު ރާއްޖޭގެ ސަރަހައްދުގައި ހުންނާނެ ކަމަށް ލަފާކުރެވޭތީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިރުޝާދު ދީފައެވެ. އެގޮތުން، ބޭރަށް ނުކުންނައިރު މާސްކު އެޅުމަށާއި، ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމުގެ އިތުރުން، ނޭވާލާ ނިޒާމުގެ މައްސަލަ ހުންނަ މީހުން ބޭރުގައި ކުޅިވަރު ކުޅުމާއި ގިނަ ވަގުތު ހޭދަކުރުން މަޑުޖައްސާލުމަށް ވަނީ އެދިފައެވެ. އަދި ކަނޑު ދަތުރުކުރާ ފަރާތްތަކުންވެސް ދުރު ފެންނަ މިންވަރު ދަށްވުމުގެ ސަބަބުން ސަމާލުވުމަށް ވަނީ އަންގާފައެވެ.

ވައި ނުސާފުވުމުގެ ސަބަބުން ސިއްހީ ގޮތުން ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން އިންޒާރުދެއެވެ. މީގެ ތެރޭގައި ނޭވާހިއްލުމާއި، ހިތުގެ ބަލިތަކާއި، ސްޓްރޯކް ޖެހުމުގެ އިތުރުން ކުޑަކުދިންގެ ފުއްޕާމޭ ހެދިބޮޑުވުމަށް ހުރަސްއެޅުން ފަދަ ދިގުމުއްދަތުގެ ސިއްހީ މައްސަލަތައް ހިމެނެއެވެ. އެއާ ކޮލިޓީ އިންޑެކްސް 151 އާއި 200 އާ ދެމެދުގައި ހުރުމަކީ ރެޑް އެލާޓް ނެރޭ މިންވަރެއް ކަމަށާއި، މިއީ އެންމެންގެ ސިއްހަތަށްވެސް ނުރައްކާވާނެ ހާލަތެއް ކަމަށް އެޗްޕީއޭއިން ފާހަގަކުރެއެވެ.

މި ދުވަސްވަރު ވައިގެ ފެންވަރު ދަށްވެފައިވަނީ ސަރަހައްދީ ގޮތުން އުފެދިފައިވާ ދުންފުނީގެ އަސަރު ރާއްޖެއާ ދިމާލަށް ދަތުރުކުރުމުގެ ސަބަބުންނެވެ. އެހެންކަމުން، އެންމެހާ ރައްޔިތުންވެސް ސިއްހީ އިރުޝާދުތަކަށް ބޯލަނބައި، ހާއްސަކޮށް ބަލި މީހުންނާއި ކުޑަކުދިން އަދި މާބަނޑު މީހުން މިކަމަށް އިތުރަށް ސަމާލުވުމަށް ސަރުކާރުގެ އިދާރާތަކުން ވަނީ ބާރުއަޅާފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް ވައިގެ ނުސާފުކަން ހުރި މިންވަރު މެޓް އޮފީހުން ދާނީ މޮނިޓަރ ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *