Tuesday, 28 July 2026
ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގުން ވަނީ އާންމުވެފަ -- ފޮޓޯ: ކަރަންސީފެއަރ ބްލޮގް

ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގަމުން ދިޔަ މީހަކު ހައްޔަރުކޮށްފި

ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ހިންގާ ސްކޭމްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ 36 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ގއ. ގެމަނަފުއްޓަށް ނިސްބަތްވާ މި މީހާ ހައްޔަރުކޮށްފައިވަނީ މި ފެބުރުވަރީ މަހުގެ 11 ވަނަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، ސްކޭމް ހިންގުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ކޭޝް ކާޑުތަކާއި، ސިމް ކާޑުތަކާއި، މޯބައިލް ފޯނުތަކުގެ އިތުރުން ދިވެހި ރުފިޔާއާއި ޑޮލަރު ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މީހާގެ މައްޗަށް ތުހުމަތު ކުރެވެނީ ފޭސްބުކް މެދުވެރިކޮށް މުދާ ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ހޯދައި، އެ ފައިސާ އެހެން މީހުންގެ އެކައުންޓްތަކަށް ޖަމާކުރުވައިގެން ނަގާފައިވާ މައްސަލައެއްގައެވެ. ފުލުހުން ހާމަކުރި ގޮތުގައި، މިއީ މިފަދަ ސްކޭމްތައް ރާވައި ހިންގުމާއި، ސްކޭމް ނެޓްވޯކްތަކުން ހޯދާ ފައިސާ އެއްކުރުމުގައި ތަކުރާރުކޮށް ބައިވެރިވަމުންދާ މީހެއް ކަމަށް ތަހުގީގަށް ވަނީ ފާހަގަކުރެވިފައެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. ސްކޭމް ނެޓްވޯކްތަކުން ހޯދާ ފައިސާ ދައުރުކުރުމުގައި އިސްކޮށް އުޅޭ ފަރާތްތައް ހޯދުމަށް ފުލުހުން މިހާރު ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި މައްސަލަ މިހާރު ތަހުގީގު ކުރަމުންދަނީ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *