Tuesday, 28 July 2026
ފޮޓޯ: ނިއުސް10 އޭބީސީ

ބަންގްލަދޭޝްގެ އައު ބޮޑުވަޒީރު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރާއްޖެ ހިމެނޭހެން 13 ގައުމަކަށް ދައުވަތު ދީފި

ބަންގްލަދޭޝްގެ އައު ބޮޑުވަޒީރުގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި ތާރިގް ރަހްމާން މަގާމުގެ ހުވާކުރެއްވުމަށް ބާއްވާ ރަސްމިއްޔާތަށް، ދިވެހިރާއްޖެ ހިމެނޭހެން ޖުމްލަ 13 ގައުމަކަށް ދައުވަތު ފޮނުވައިފި އެވެ. އަންނަ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ރަސްމިއްޔާތަށް ދައުވަތު ދީފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން އިންޑިއާ، ޗައިނާ، ޕާކިސްތާން، ސައުދީ އަރަބިއްޔާ، ތުރުކީ، ޔޫއޭއީ، ގަތަރު، މެލޭޝިއާ، ބުރުނާއީ، ސްރީލަންކާ، ނޭޕާލް އަދި ބޫޓާން ހިމެނޭ ކަމަށް ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ވަނީ ހާމަކޮށްފަ އެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަންނަވާ އުމުރުން 60 އަހަރުގެ ތާރިގް ރަހްމާނަކީ އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ހާލިދާ ޒިއާގެ ދަރިކަލެކެވެ. އަމިއްލައަށް އަރުވާލެވިގެން 17 އަހަރު ވަންދެން އިނގިރޭސިވިލާތުގައި ދިރިއުޅުއްވުމަށްފަހު ތާރިގް އެނބުރި ގައުމަށް ވަޑައިގަތީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. އޭނާ އެނބުރި ވަޑައިގަތްތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި، ޑިސެމްބަރު 30 ގައި މަންމާފުޅު ހާލިދާ ޒިއާ ވަނީ އަވަހާރަވެފަ އެވެ.

މިދިޔަ ހަފުތާގައި ބޭއްވި އާންމު އިންތިހާބަކީ ބަންގްލަދޭޝްގެ ސިޔާސީ މަސްރަހަށް އައި ބޮޑު ބަދަލަކަށްފަހު ބޭއްވި ފުރަތަމަ އިންތިހާބެވެ. ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކާ ގުޅިގެން، އޮގަސްޓް 5، 2024 ގައި އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައި އިންޑިއާއަށް ފިއްލަވައިގެން ވަޑައިގެންފަ އެވެ. ހަސީނާގެ އިސްތިއުފާއަށްފަހު މިހާތަނަށް ގައުމު ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ ނޯބެލް އިނާމު ހާސިލްކުރައްވާފައިވާ މުހައްމަދު ޔޫނުސް އެވެ.

މި ފަހަރުގެ އިންތިހާބުގައި ޝައިހް ހަސީނާގެ ޕާޓީ، އަވާމީ ލީގަށް ވާދަކުރުމުގެ ފުރުސަތު ދީފައި ނުވާއިރު، ބީއެންޕީން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފަ އެވެ. އަންގާރަ ދުވަހު ބާއްވާ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ ބޭރު ގައުމުތަކުގެ އެންމެ އިސްވެރިންގެ ތަފްސީލެއް ބީއެންޕީން އަދި ހާމައެއް ނުކުރެ އެވެ. މި ރަސްމިއްޔާތާއެކު ތާރިގް ރަހްމާން ވެގެންދާނީ ބަންގްލަދޭޝްގެ ސިޔާސީ އައު ބާބެއް ފަށްޓަވައިދެއްވާނެ ލީޑަރަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *