ދިވެހިރާއްޖޭގައި 16 އަހަރުން ދަށުގެ ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށާއި، އެއްވެސް އުމުރެއްގެ ދަރިވަރަކަށް ސްކޫލަށް ފޯނު ނުވެއްދޭނޭހެން ކަނޑައަޅައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ އީ-ޕެޓިޝަން ޕޯޓަލް މެދުވެރިކޮށް ހުށަހެޅި މި ޕެޓިޝަންގައި ގޮވާލާފައިވަނީ ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ކަމާބެހޭ ޤާނޫނުތަކާއި ޤަވައިދުތައް އިސްލާހު ކުރުމަށެވެ.
މި ޕެޓިޝަންގައި ފާހަގަކޮށްފައިވާ ގޮތުގައި، ޔޫޓިއުބް، ޓިކްޓޮކް އަދި ފޭސްބުކް ފަދަ މަންސަތަކުގެ ސަބަބުން ކުޑަކުދިންނަށް ނޭދެވޭ ފާހިޝް އަމަލުތަކާއި ބަސްތައް ދަސްވަމުންދާ ކަމުގެ ކަންބޮޑުވުން ބޮޑެވެ. އަދި ސޯޝަލް މީޑިއާގެ ސަބަބުން ކުދިންގެ އަޚުލާގަށާއި ތޮބީޢަތަށް ނޭދެވޭ ބަދަލުތަކެއް އަންނަމުންދާ ކަމަށާއި، ގިނަ ފަހަރު ބެލެނިވެރިންނަށް މިކަންކަން މޮނިޓަރ ކުރަން ވަގުތު ނުވާކަން ވެސް ޕެޓިޝަންގައި ބަޔާންކޮށްފައިވެއެވެ.
ޕެޓިޝަން ހުށަހެޅި ފަރާތުން ބޭނުންވަނީ ޤާނޫނީ ގޮތުން މިކަން މަނާކުރުމަށްފަހު، އެއާ ޚިލާފުވާ ކުދިންނާއި ބެލެނިވެރިންނަށް ކައުންސެލިން ދިނުމަށާއި، ތަކުރާރުވާނަމަ ޖެންޑާ މިނިސްޓްރީން އެ މައްސަލަތައް ބެލޭނެ ބާރުތަކެއް ދިނުމަށެވެ. މީގެ އިތުރުން، ތަޢުލީމީ މަރުކަޒުތަކަށް މޯބައިލް ފޯނު ވެއްދުން މަނާކުރާ ޤަވައިދެއް އެކުލަވާލައި، އެއަށް އަމަލުކުރަން ފެށުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މިފަދަ ޕެޓިޝަނެއް ރަސްމީކޮށް ބަލައިގަނެވޭނީ މަދުވެގެން 500 މީހުންގެ ސޮއި ހަމަވުމުން ނުވަތަ މަޖިލީހުގެ މެންބަރަކު ސްޕޮންސާ ކުރުމުންނެވެ. މިހާތަނަށް 16 މީހަކު ސޮއިކޮށްފައިވާ މި ޕެޓިޝަނަށް ބޭނުންވާ ސޮއި ހަމަކުރުމަށް ހަ ހަފްތާގެ މުއްދަތެއް ލިބޭނެއެވެ.


