މިދިޔަ އަހަރު ކުއްލި ގޮތަކަށް އަވަހާރަވި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، ޝެއިޚް އިބްރާހިމް ފަރީދުގެ ހަނދާނުގައި ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ މިސްކިތުގެ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު "ޚިދުމަތް ޖަމިއްޔާ" އިން އާންމުކޮށް ހުޅުވާލައިފިއެވެ. ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި ބިނާކުރާ މި މިސްކިތަކީ ޖުމްލަ 2،500 މީހުންގެ ޖާގައާއެކު ދެ ބުރިއަށް އިމާރާތްކުރުމަށް ނިންމާފައިވާ ތަނެކެވެ.
ޚިދުމަތް ޖަމިއްޔާއިން މައުލޫމާތު ދޭ ގޮތުގައި މި މިސްކިތް ފަރުމާކޮށްފައިވަނީ ހަމައެކަނި ނަމާދުކުރުމަށް އެކަންޏެއް ނޫނެވެ. މިސްކިތުގެ އެތެރޭގައި މަލްޓި ޕާޕަސް ހޯލެއް ހިމެނޭއިރު، އެތަނުގައި ޤުރުއާން ކުލާސްތަކާއި، ޙިފްޒު ކްލާސްތަކާއި، ދީނީ ސެމިނާތަކުގެ އިތުރުން ޤުރުއާން އަދި މަދަޙަ މުބާރާތްތައް ބޭއްވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި އިސްލާމިކް މިނިސްޓްރީއާއެކު އެމްއޯޔޫއެއްގައި ސޮއިކުރުމުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.
މި މުހިންމު މަސައްކަތަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް އެ ޖަމިއްޔާގެ "މިސްކިތު ފަންޑު" މެދުވެރިކޮށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން ޚިދުމަތް ޖަމިއްޔާގެ ބީއެމްއެލް އެކައުންޓް ނަމްބަރު 7770000141496 އަށް ފައިސާ ޓްރާންސްފާ ކުރެވޭނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. މިއީ ދީނަށް ލޯބިކުރާ އެންމެހާ ދިވެހި ރައްޔިތުންނަށް މި ސަދަގާތުލް ޖާރިޔާގައި ބައިވެރިވުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެކެވެ.
ޝެއިޚް އިބްރާހިމް ފަރީދު އަވަހާރަވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހު މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން ކުއްލި ގޮތަކަށް ޖެހުނު ހާޓްއެޓޭކެއްގައެވެ. އެމަނިކުފާނުގެ ހަނދާނުގައި ހުޅުމާލޭގައި މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މީގެ ކުރިން ބަންގްލަދޭޝްގައިވެސް އެމަނިކުފާނުގެ ހަނދާނުގައި މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ފަށައި، އެތަނުގެ ބިންގާ ވަނީ މިދިޔަ އަހަރު އަޅާފައެވެ.


