ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށްޓަކައި ބާއްވާ ގުރުއަތުލުން މިއަދު ހެނދުނު 10:00 އިން ފެށިގެން ކުރިއަށް އެބަދެއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި މި ހަރަކާތް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އެއްވަގުތެއްގައި ދަނީ ކުރިއަށް ގެންދަމުންނެވެ.
މާލޭގައި ގުރުއަތުލުން ކުރިއަށްދަނީ އިންތިޚާބާ ބެހޭ މަރުކަޒު (ކުރީގެ ޑްރަގް ކޯޓު ހިންގި އިމާރާތް) ގައެވެ. އަދި އަތޮޅުތެރޭގެ ރަށްތަކާއި ސިޓީތަކުގައި މިކަން ކުރިއަށްދަނީ ކައުންސިލް އިދާރާތަކުގައި ނުވަތަ އެ ރަށެއްގެ ކައުންސިލުން ކަނޑައަޅާފައިވާ ޚާއްޞަ ތަންތަނުގައެވެ. ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް، ދާއިމީ ލިސްޓު އަންނަ ހޮނިހިރު ދުވަހު އާންމުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތުދެއެވެ.
އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި ޖުމްލަ 2،994 ކެންޑިޑޭޓުން ވާދަކުރެއެވެ. މީގެ ތެރޭގައި ހަ ސިޔާސީ ޕާޓީއަކުން ވާދަކުރާ 1،210 ކެންޑިޑޭޓުންނާއި، އަމިއްލަ ގޮތުން ވާދަކުރާ 401 ކެންޑިޑޭޓުން ހިމެނެއެވެ. މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 މެންބަރުން އަދި ސިޓީ ކައުންސިލްތަކަށް 52 މެންބަރުން އިންތިޚާބު ކުރާނެއެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް އެ އަދަދަށް މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިފަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ޖުމްލަ އަދަދަކީ 294،937 އެވެ. މިއީ ރާއްޖޭގެ ލޯކަލް ގަވަރނަންސް ނިޒާމުގެ ތެރެއިން އަންހެނުންނަށް ޚާއްޞަ ގޮނޑިތަކެއް ކަނޑައަޅައިގެން ބާއްވާ ފުރަތަމަ އިންތިޚާބުކަން ފާހަގަކޮށްލެވެއެވެ.


