Tuesday, 28 July 2026
ޕީބީސީ

ކެނެޑާގެ ސްކޫލަކާއި ގެއަކަށް ބަޑިޖަހައި 9 މީހުން މަރާލައިފި

ކެނެޑާގެ ބްރިޓިޝް ކޮލަމްބިއާގެ ދުރު ހިސާބެއްގައި ހުންނަ ސްކޫލަކާއި އެ ސަރަހައްދުގެ ގެއަކަށް ބަޑިޖަހައި ނުވަ މީހަކު މަރާލައިފިއެވެ. މި ހާދިސާގައި އިތުރު 25 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ކެނެޑާގެ ކަމާބެހޭ ފަރާތްތަކުން އަންގާރަ ދުވަހު ވަނީ ހާމަކޮށްފައެވެ.

ރޯޔަލް ކެނޭޑިއަން މައުންޓެޑް ޕޮލިސް (އާރް.ސީ.އެމް.ޕީ) އިން ބުނި ގޮތުގައި، ޓަމްބްލަރ ރިޖް ސެކަންޑަރީ ސްކޫލުގައި ހިނގި މި ބަޑިޖެހުމުގެ ހާދިސާގައި ހަތް މީހަކު މަރުވެފައިވާއިރު، އެ ސަރަހައްދުގެ ގެއެއްގެ ތެރެއިން އިތުރު ދެ މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. އަދި ބަޑިޖެހި ކަމަށް ބެލެވޭ އަންހެން މީހާވެސް މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށާއި، ބެލެވޭ ގޮތުގައި އޭނާ މަރުވީ އަމިއްލައަށް ގަޔަށް ބަޑިޖަހައިގެންނެވެ.

މި ހާދިސާގައި ޒަޚަމްވި 25 މީހުންގެ ތެރެއިން ދެ މީހަކަށް ވަރަށް ނުރައްކާތެރި އަނިޔާތަކެއް ލިބިފައިވުމުން، ހެލިކޮޕްޓަރުގައި ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ބްރިޓިޝް ކޮލަމްބިއާގެ ޕްރިމިއާ ޑޭވިޑް އީބީ ވިދާޅުވީ، ހާދިސާ ހިނގިތާ ދެ މިނެޓް ތެރޭގައި ފުލުހުން އެ ސަރަހައްދަށް ގޮސްފައިވާ ކަމަށެވެ.

އާރް.ސީ.އެމް.ޕީގެ ސުޕްރިންޓެންޑެންޓް ކެން ފްލޮއިޑް ވިދާޅުވީ، ހަމަލާދިން މީހާގެ ވަޒަންތަކުން ހަ މީހަކު ވަގުތުން މަރުވި އިރު، ހަތްވަނަ މީހާ މަރުވީ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައެވެ. ހަމަލާދިން އަންހެން މީހާގެ މައުލޫމާތު ފުލުހުން ދެނެގަނެފައިވީ ނަމަވެސް، އޭނާގެ ނަމާއި މި ހަމަލާ ދޭން މެދުވެރިވި ސަބަބު އަދި ހާމައެއް ނުކުރެއެވެ.

ޓަމްބްލަރ ރިޖްގެ މޭޔަރު ޑެރިލް ކްރަކޯކާ މި ހާދިސާ ސިފަކުރެއްވީ މުޅި މުޖުތަމައަށް ލިބުނު ވަރަށް ބޮޑު ހިތާމައެއްގެ ގޮތުގައެވެ. "މިއީ ވަރަށް ބޮޑު ހިތާމައެއް. އަޅުގަނޑު މި ރަށުގައި އުޅޭތާ 18 އަހަރުވެއްޖެ. މަރުވި ކޮންމެ މީހަކީވެސް އަޅުގަނޑު ދަންނަ މީހަކަށް ވުން ވަރަށް ގާތް،" މޭޔަރު ވިދާޅުވިއެވެ.

ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ވަނީ މި ހާދިސާއާ ގުޅިގެން ހިތާމަ ފާޅުކުރައްވައި، އަނިޔާ ލިބުނު އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައެވެ. ކެނެޑާއަކީ ހަތިޔާރު ގެންގުޅުމުގެ ހަރުކަށި ގާނޫނުތަކެއް އޮންނަ ގައުމަކަށް ވުމުން، މިފަދަ ސްކޫލް ބަޑިޖެހުމުގެ ހާދިސާތަކަކީ އެ ގައުމުގައި ވަރަށް މަދުން ނޫނީ ނުހިނގާ ހާދިސާތަކެކެވެ. މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ސްކޫލްތައް މި ހަފްތާގެ ނިޔަލަށް ބަންދުކުރުމަށް ވަނީ ނިންމާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *