ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖަރުމަނުވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެ ޤައުމުގައި ތިބި ދިވެހިންނަށް ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބޭރު ޤައުމުތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި އެ ޤައުމުތަކުގައި ދިރިއުޅޭ ލޮބުވެތި ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވުމަކީ އެމަނިކުފާނު ޚާއްޞަ އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. މީގެ އިތުރުން، ބައްދަލުވުމުގައި ބައިވެރިވި ދިވެހިންނަށް ރައީސްއާ ވަކިން ބައްދަލުކޮށް، އެމީހުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރުމުގެ ފުރުސަތުވެސް ވަނީ ދެއްވާފައެވެ.
ރައީސް ޖަރުމަނުވިލާތަށް ކުރައްވާ މި ރަސްމީ ދަތުރުފުޅަކީ އެ ޤައުމުގެ ރައީސްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމާ ދިމާކޮށް ކުރައްވާ ދަތުރުފުޅެއްކަން ފާހަގަކޮށްލެވެއެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ހާލުއަހުވާލު ގާތުން ބަލައި، އެ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމެވެ. މިގޮތުން ރައީސް ބޭރުގެ ޤައުމުތަކަށް ކުރައްވާ ކޮންމެ ދަތުރުފުޅެއްގައިވެސް އެ ޤައުމެއްގައި ތިބޭ ދިވެހިންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވަމުން ގެންދަވާނެއެވެ.


