އިސްރާއީލުގެ ފައިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް އިއުލާން ކުރެއްވި މި ފިޔަވަޅުތަކުގެ ސަބަބުން ޔަހޫދީ ވަޒަންވެރިންނަށް ފަލަސްތީނުގެ ބިންތައް އަތުލުމަށް މަގުފަހިވެގެންދާނެއެވެ. މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސްމޮޓްރިޗް ވިދާޅުވީ، ފަލަސްތީނުގެ ދައުލަތެއް އުފެއްދުމުގެ ވިސްނުން ނައްތާލުމަށް މަސައްކަތް ކުރާނެ ކަމަށެވެ. ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އިސްރާއީލުން ހުޅަނގު އައްސޭރީގައި ހަދާފައިވާ ހުރިހާ އާބާދީތަކަކީ ޣައިރު ގާނޫނީ ތަންތަނެވެ.
މި އާ ފިޔަވަޅުތަކުގެ ތެރޭގައި ހުޅަނގު އައްސޭރީގެ ބިންތައް ސީދާ ޔަހޫދީންނަށް ވިއްކުން މަނާކޮށްފައި އޮތް އޮތުން އުވާލުމާއި، ބިންތަކުގެ ރަޖިސްޓްރީތައް އާންމުކުރުން ހިމެނެއެވެ. މީގެ ކުރިން ވަޒަންވެރިންނަށް ބިން ގަނެވެނީ ހަމައެކަނި އިސްރާއީލު ސަރުކާރުގެ ކޮންޓްރޯލް އޮންނަ ކުންފުނިތައް މެދުވެރިކޮށެވެ. މީގެ އިތުރުން، ބިން ގަތުމަށް ބޭނުންވާ ހާއްސަ ހުއްދަ ހޯދަންޖެހޭ ގާނޫނީ ޝަރުތުވެސް މިހާރު ވަނީ އުވާލާފައެވެ.
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މި ފިޔަވަޅުތައް ސިފަކުރެއްވީ ވަރަށް ނުރައްކާތެރި ކަމެއްގެ ގޮތުގައެވެ. އޭނާ ވިދާޅުވީ މިއީ ފަލަސްތީނުގެ ބިންތައް ފޭރިގަތުމާއި، އާބާދީތައް ފުޅާކުރުން ގާނޫނީ ސިފައެއްގައި ކުރުމަށް އިސްރާއީލުން ހިންގާ ހާމަކަން ބޮޑު އުދުވާނެއް ކަމަށެވެ. އަދި މިކަމަށް އެމެރިކާއާއި އދ. ގެ ސަލާމަތީ މަޖިލީހުން ވަގުތުން ވަދެގަތުމަށް އޭނާ ގޮވާލެއްވިއެވެ.
އިނގިރޭސިވިލާތުން ބުނެފައިވަނީ ފަލަސްތީނުގެ ބިމުގެ އޮނިގަނޑަށް ބަދަލު ގެނައުމަށް ކުރާ އެއްވެސް މަސައްކަތަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށެވެ. ހަމައެއާއެކު މިސްރު، އުރުދުން، ޔޫއޭއީ، އިންޑޮނޭޝިއާ، ޕާކިސްތާން، ތުރުކީ، ސައުދީ އަރަބިއްޔާ އަދި ގަތަރުގެ ފޮރިން މިނިސްޓަރުންވެސް ވަނީ މި ނިންމުމާ ދެކޮޅަށް އަޑުއުފުލާފައެވެ.
އދ. އިން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ އަހަރަކީ ރެކޯޑު ކުރެވުނު ތާރީޚުގައިވެސް ހުޅަނގު އައްސޭރީގައި އިސްރާއީލުން އެންމެ ހަލުވިކަމާއެކު އާބާދީތައް ފުޅާކުރި އަހަރެވެ. މި އާ ފިޔަވަޅުތައް އިއުލާންކޮށްފައިވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ވޮޝިންގޓަންގައި ބައްދަލުކުރެއްވުމުގެ ތިން ދުވަސް ކުރިންނެވެ.


