Tuesday, 28 July 2026

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވައިފި

މާލޭގެ މޫނުމަތިން ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަޝްރޫއުގެ ދަށުން، ބާޒާރުމަތީ ސަރަހައްދުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްލަވާލައްވައިފިއެވެ. ރައީސްގެ މި ޒިޔާރަތަކީ މަސައްކަތުގެ ދުވެލި ހުރިގޮތް ބައްލަވައި، މަޝްރޫއު ތާވަލާ އެއްގޮތަށް ކުރިއަށްދާކަން ކަށަވަރު ކުރެއްވުމަށް ކުރެއްވި ޒިޔާރަތެކެވެ.

މަގު ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ސައިޓަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ކުރިއަށް ގޮސްފައިވާ މިންވަރު ވަޒަންކުރައްވާފައެވެ. ރައީސް އެ ސަރަހައްދަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޚަބާ ދެންނެވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޢަބްދުﷲ މުއްޠަލިބެވެ. މި ޒިޔާރަތުގައި މަޝްރޫއުގެ ފަންނީ ތަފްސީލުތައް ރައީސަށް ވަނީ އަރުވާފައެވެ.

ބޮޑުތަކުރުފާނު މަގުގެ ދެވަނަ ސެގްމެންޓުގެ ދަށުން ތަރައްގީ ކުރަމުންދަނީ މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރު ނިމޭ ހިސާބަށް އޮތް ސަރަހައްދެވެ. މި ސަރަހައްދުގެ މަގު ފުޅާކޮށް، ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ވަނީ ނިންމާފައެވެ. މިއީ މާލޭގެ އެންމެ ބާރުބޮޑު އެއް ސަރަހައްދު ކަމަށްވުމާއެކު، މި މަސައްކަތާއެކު ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބޭނެއެވެ.

ސަރުކާރުގެ އަމާޒަކީ މިހާރު ކުރިއަށްދާ ދެވަނަ ސެގްމެންޓުގެ މަސައްކަތްތައް ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން އެއްކޮށް ނިންމާލުމެވެ. ބާޒާރުމަތީގެ ކާރޫބާރޫ ބޮޑު ސަރަހައްދުގައި މަސައްކަތް ކުރިއަށްދާއިރު، އާންމުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށްޓަކައި އަވަހަށް މަސައްކަތް ނިންމުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މި މަޝްރޫއަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 9 ވަނަ ދުވަހުއެވެ. މަޝްރޫއުގެ ފުރަތަމަ ސެގްމަންޓުގެ މަސައްކަތް ނިންމައި މިދިޔަ ޑިސެމްބަރު މަހު ވަނީ އާންމުންނަށް ހުޅުވާލާފައެވެ.

ނިމިދިޔަ ފުރަތަމަ ސެގްމަންޓުގައި ޖުމްހޫރީ މައިދާން ކައިރިން މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދު، ފަޅުތެރެއިން ބައެއް ހިއްކައިގެން ހަތަރު ލޭނަށް މަގު ފުޅާކޮށް ތާރު އަޅާފައިވެއެވެ. މުޅި މަޝްރޫއު ނިމުމުން މާލޭގެ އުތުރު ފަރާތުގެ މޫނުމަތި އެއްކޮށް ބަދަލުވެ، މުދާ އުފުލުމާއި ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *