މަރުވި ދެ މީހުންގެ ތެރެއިން އިބްރާހީމް ސުހައިލަކީ ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ މީހެކެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނި ގޮތުގައި ސުހައިލް މަރުވީ ސިއްހީ ހާލަތު ގޯސްވެގެން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާތާ ހަފްތާއެއް ވެފައި ވަނިކޮށެވެ. އޭނާ މަރުވީ ނިއުމޯނިއާ ބަލީގައި ކަމަށް ކަރެކްޝަންސްއިން މައުލޫމާތު ދީފައިވާއިރު، އޭނާއަކީ މިދިޔަ އަހަރު ސްޓްރޯކެއް ޖެހިގެން ވެސް ފަރުވާ ހޯދަމުން އައި މީހެކެވެ.
ހަސަން ނިޔާޒު މަރުވީ މި މަހުގެ ދެވަނަ ދުވަހުގެ މެންދުރު ފަހު ހުޅުމާލޭ ޖަލުގައި ހުއްޓާ ކުއްލިއަކަށް ދިމާވި މެޑިކަލް އެމަޖެންސީއެއްގައެވެ. އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް އަވަސް ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާއިރު، ނިޔާޒަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ކުށް ސާބިތުވެ، މިދިޔަ މަހުގެ ފަހުކޮޅު 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ މީހެކެވެ.
އެއް ދުވަހެއްގައި ދެ ގައިދީން މަރުވުމާ ގުޅިގެން އާންމުންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާތީ، ފުލުހުން އަންނަނީ މި ދެ މަރުގެ މައްސަލަ ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރަމުންނެވެ.


