Tuesday, 28 July 2026

ލޯކަލް ކައުންސިލް އިންތިޚާބުގެ ކެންޑިޑޭޓުންގެ ގުރުއަތުލުން ބުރާސްފަތި ދުވަހު ބާއްވަނީ

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ނަންބަރު ތަރުތީބު ކުރުމަށްޓަކައި ބާއްވާ ގުރުއަތުލުން އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. މި ދެ އިންތިޚާބުގައި ޖުމްލަ 2،994 ކެންޑިޑޭޓުން ވާދަކުރާއިރު، އޭގެ ތެރޭގައި ސިޔާސީ ޕާޓީތަކުން ވާދަކުރާ 1،210 ކެންޑިޑޭޓުންނާއި އަމިއްލަ ގޮތުން ވާދަކުރާ 401 ކެންޑިޑޭޓުން ހިމެނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިޚާބުގެ ކަންކަން ކުރިއަށްދަނީ ކަނޑައެޅިފައިވާ ޓައިމްލައިނާ އެއްގޮތަށް ކަމަށެވެ. އަދި ގުރުއަތުލުން ބުރާސްފަތި ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާއިރު، ނަން އަނބުރާ ގެންދަން ބޭނުންވާ ކެންޑިޑޭޓުންނަށް އެ ދުވަހުގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށްވެސް ކޮމިޝަނުން ބުނެއެވެ. މިފަހަރުގެ އިންތިޚާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވަނީ ވެރިކަންކުރާ ޕީއެންސީންނެވެ. އެ ޕާޓީން ކައުންސިލް އިންތިޚާބުގެ 678 ގޮނޑީގެ ތެރެއިން 665 ގޮނޑިއަށް ވާދަކުރެއެވެ.

އިންތިޚާބުގެ އިންތިޒާމުތައް ފުރިހަމަކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އިންތިޚާބާ ގުޅޭ ޝަކުވާތައް ބަލައިގަތުމަށް ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ މިހާރު ވަނީ ގާއިމްކޮށްފައެވެ. ކޮމިޝަނުން ހާމަކުރި ގޮތުގައި މިހާތަނަށް ހުށަހެޅުނު ހަތަރު ޝަކުވާއަކަށް ވަނީ ޖަވާބު ދީފައެވެ. މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުން އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބުކުރާނެއެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް އެ އަދަދަށް މެންބަރުން އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 294،937 މީހުންނަށް ލިބިގެންވެއެވެ. މީގެ ތެރޭގައި ހިމެނެނީ 144،527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ. އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުންދަނީ އިންތިޚާބުގެ ހުރިހާ މަރުހަލާއެއްވެސް ވީހާވެސް އިންސާފުވެރިކޮށް އަދި ދެފުށް ފެންނަ ގޮތެއްގައި ކުރިއަށް ގެންދިއުމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *