އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަލަށް އުފެއްދެވި "ބޯޑް އޮފް ޕީސް" ގެ ފުރަތަމަ ބައްދަލުވުން، ޣައްޒާ އަލުން އާބާދުކުރުމަށް ފައިސާ ހޯދުމުގެ މަގުސަދުގައި މި މަހު ވޮޝިންޓަންގައި ބޭއްވުމަށް ނިންމައިފިއެވެ.
މި މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމުގައި، ޓްރަމްޕްގެ ދައުވަތު ގަބޫލުކުރައްވާފައިވާ ދުނިޔޭގެ ލީޑަރުންނާއި، ޣައްޒާގެ ސަލާމަތީ ކަންކަމާއި ތަރައްގީ ބަލަހައްޓާނެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ބައިވެރިވާނެ ކަމަށް ޓްރަމްޕްގެ އިދާރާގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ. ނަމަވެސް، މި ބައްދަލުވުން ރަސްމީކޮށް އިއުލާނުކޮށްފައި ނުވާތީ، ބައިވެރިވާނެ ލީޑަރުންގެ ސީދާ އަދަދެއް އަދި ސާފެއް ނުވެއެވެ.
އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އަށް ލިބިފައިވާ ދައުވަތު ކަރުދާހުގައިވާ ގޮތުން، މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިހާރު "ޑޮނަލްޑް ޖޭ. ޓްރަމްޕް ޔޫ.އެސް. އިންސްޓިޓިއުޓް އޮފް ޕީސް" ގެ ނަމަށް ބަދަލުކޮށްފައިވާ މަރުކަޒުގައެވެ. މި މަރުކަޒުގެ ކުރީގެ މެނޭޖްމަންޓާ ދެކޮޅަށް ގާނޫނީ މައްސަލަތަކެއް ހިނގަމުންދާއިރު، މިދިޔަ އަހަރު ޓްރަމްޕްގެ ސަރުކާރުން ވަނީ އެ ތަނުގެ ބާރުތައް ނަގައި، ގިނަ މުވައްޒަފުން ވަކިކޮށްފައެވެ.
މި ބޯޑަކީ ފުރަތަމަ ޣައްޒާގެ ހަނގުރާމަ ހުއްޓުވުމަށް އުފެއްދި ބޯޑެއް ކަމަށް ބެލެވުނު ނަމަވެސް، މިހާރު މި ބޯޑުގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުން ކަމަށް ބެލެވެއެވެ. މިއީ އދ. އަށް ބަރޯސާވުމުގެ ބަދަލުގައި، ދުނިޔޭގެ އައު ނިޒާމެއް ގާއިމުކުރުމަށް ޓްރަމްޕް ކުރައްވާ މަސައްކަތެއްގެ ގޮތުގައި މުހައްލިލުން ސިފަކުރެއެވެ.
ނަމަވެސް، ޔޫރަޕްގެ ގިނަ ގައުމުތަކާއި އެމެރިކާގެ ބައެއް ބައިވެރިން ވަނީ މި ބޯޑުގައި ބައިވެރިވުމަށް އިންކާރުކޮށްފައެވެ. އެ ގައުމުތަކުން ތުހުމަތުކުރާ ގޮތުގައި މިއީ އދ. ގެ ސަލާމަތީ މަޖިލީހުގެ ބާރު ކަނޑުވާލުމަށް ކުރެވޭ މަސައްކަތެކެވެ. އެހެންނަމަވެސް، ޓްރަމްޕްގެ ސަރުކާރުން ބުނަނީ މި ބައްދަލުވުމުގައި ގިނަ ގައުމުތަކަކުން ބައިވެރިވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ


