Tuesday, 28 July 2026
ފޮޓޯ: ސީއެންއެން

އިސްލާމްއާބާދުގެ މިސްކިތަކަށް ދިން ޓެރަރިސްޓު ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ޕާކިސްތާނުގެ އިސްލާމްއާބާދުގެ މިސްކިތަކަށް މިދިޔަ ހުކުރު ދުވަހު ދިން ޓެރަރިސްޓް ހަމަލާއަކީ އިންސާނިއްޔަތާ ޚިލާފު ދަށުދަރަޖައިގެ އަމަލެއް ކަމަށް ސިފަކޮށް، ދިވެހި ސަރުކާރުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އިސްލާމްއާބާދުގެ ތަރްލާއީ ސަރަހައްދުގައި ހުންނަ މިސްކިތަކަށް ހުކުރު ނަމާދު ވަގުތު ދިން މި އަނިޔާވެރި ހަމަލާއަކީ ދީނީ އަދި އަހުލާގީ އެއްވެސް މިންގަނޑަކަށް ފެތޭ ކަމެއް ނޫން ކަމަށެވެ. މި ހާދިސާގައި މައުސޫމް އެތައް ބައެއްގެ ފުރާނަ ގެއްލި، ގިނަ ބަޔަކު ޒަހަމްވެފައިވާތީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޕާކިސްތާނުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަނީ ތައުޒިޔާ ފޮނުވާފައެވެ.

މި ހަމަލާގައި 31 މީހުން މަރުވެ 169 މީހުން ޒަހަމްވެފައިވާއިރު، ހަމަލާގެ ޒިންމާ މިހާރު ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން އުފުލާފައެވެ. ބޮން ގޮއްވާލާފައިވަނީ އިސްލާމްއާބާދުގެ ތަރްލައި ކަލާން ސަރަހައްދުގައި ހުންނަ ޚަދީޖާތުލް ކުބްރާ މިސްކިތުގައެވެ.

ދިވެހި ސަރުކާރުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ޓެރަރިޒަމްގެ އެންމެހައި އަމަލުތަކަކީ ރާއްޖެއިން އެއްވެސް ހާލެއްގައި ބަލައިގަންނާނެ ކަންކަމެއް ނޫން ކަމަށެވެ. އަދި އަޅުކަންކުރާ ތަންތަނަށް އަމާޒުކޮށް ދޭ މިފަދަ ފިނޑި ހަމަލާތައް ކުށްވެރިކޮށް، ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ ބައިނަލްއަގުވާމީ މަސައްކަތްތަކުގައި ރާއްޖޭގެ ފުރިހަމަ އެއްބާރުލުން އޮންނާނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.

މި ހާދިސާއާ ގުޅިގެން ޕާކިސްތާނުގެ ދިފާއީ ވަޒީރު ޚަވާޖާ އާސިފް ވަނީ މިއީ އަވަށްޓެރި ބައެއް ގައުމުތަކުގެ ބައިވެރިވުން އޮތް ހަމަލާއެއް ކަމަށް ތުހުމަތު ކުރައްވާފައެވެ. ނަމަވެސް އެ ގައުމުތަކުން ވަނީ އެ ތުހުމަތުތައް ދޮގުކޮށް، ހަމަލާ ކުށްވެރިކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *