އައްޑޫ ސިޓީގެ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ނަންބަރު އައިނު ހެއްދޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި މިއަދު އައިނު ފިހާރައެއް ހުޅުވައިފިއެވެ. "އައިޖީއެމްއެޗް އޮޕްޓިކަލްސް އައްޑޫ" ގެ ނަމުގައި ހުޅުވި މި ފިހާރަ ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ. މި ރަސްމިއްޔާތުގައި އޭއީއެޗްގެ ސީއީއޯ ޑރ. އިބްރާހީމް ޔާސީރު ވެސް ބައިވެރިވެވަޑައިގަތެވެ.
މިއީ އާންމު ރައްޔިތުންނަށް އަތްފޯރާ އަގުތަކެއްގައި އައިނު ހެއްދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން ހުޅުވި ތިންވަނަ އައިނު ފިހާރައެވެ. އަދި މިއީ މާލެ ސިޓީން ބޭރުގައި، އަތޮޅުތެރޭގެ ހޮސްޕިޓަލެއްގައި މިފަދަ ޚިދުމަތެއް ފެށި ފުރަތަމަ ފަހަރުވެސް މެއެވެ. މި މަޝްރޫއަކީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) އާއި ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން އެންމެ ފުރަތަމަ އައިނު ފިހާރައެއް ހުޅުވީ މިދިޔަ އަހަރުގެ ޖުލައި 27 ގައި އައިޖީއެމްއެޗްގައެވެ. އޭގެ ފަހުން ދެވަނަ ފިހާރައެއް ހުޅުމާލޭ ހޮސްޕިޓަލުގައި ހުޅުވާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުއެވެ. އައްޑޫގައި މިއަދު މި ހުޅުވުނު ފިހާރައާއެކު، ސަރުކާރުގެ ހޮސްޕިޓަލްތަކުން ފޯރުކޮށްދޭ މި ޚިދުމަތް އިތުރަށް ފުޅާވެގެން ގޮސްފައިވެއެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ 5 ރީޖަނަލް ހޮސްޕިޓަލެއްގައި އައިނު ހެއްދުމުގެ ޚިދުމަތް ފޯރުކޮށްދިނުމެވެ. މިއަދު އައްޑޫގައި ފެށުނު މި ޚިދުމަތަކީ އެ މަޝްރޫއުގެ ދަށުން އަތޮޅުތެރޭގެ ރައްޔިތުންނަށް ސިއްހީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.


