Tuesday, 28 July 2026

އެމްޑީޕީގެ ސިޔާސަތުތައް މުސްކުޅިވެއްޖެ، ކައުންސިލް އިންތިހާބުގެ %80 ޕީއެންސީން ކާމިޔާބުކުރާނެ: ފަލާހް

އިދިކޮޅު އެމްޑީޕީގެ ސިޔާސަތުތަކަކީ މިހާރު ރައްޔިތުން ބަލައިގަންނަނާނެ "ބާވެ، މުސްކުޅިވެފައިވާ" ސިޔާސަތުތަކެއް ކަމަށާއި، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ވެރިކަންކުރާ ޕީއެންސީން %80 އަށް ވުރެ މަތީ ނަތީޖާއަކުން ކާމިޔާބުކުރާނެ ކަމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހް ރޭ ވިދާޅުވެއްޖެ އެވެ. ފަލާހް މިހެން ވިދާޅުވީ ހދ. ކުޅުދުއްފުށީ ސިޓީގެ މޭޔަރު ކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓާއި ކައުންސިލް މެންބަރުންގެ ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ޖަލްސާގަ އެވެ.

މިދިޔަ 17 އަހަރު އެމްޑީޕީގެ މެޖޯރިޓީ އޮތް ކުޅުދުއްފުށީގައި ވާހަކަދައްކަވަމުން ފަލާހް ވިދާޅުވީ، އެމްޑީޕީގެ ކައުންސިލްތަކާ އެކު އެ ސިޓީގެ ތަރައްގީ އޮތް ހިސާބު މިއަދު ފެންނަން އެބައޮތް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް އިންތިހާބަކީ ރަށްރަށާއި ސިޓީތަކުގެ ތަރައްގީއަށްޓަކައި ނުހަނު މުހިންމު އިންތިހާބެކެވެ.

"މި އިންތިހާބުގައި ނިންމަން މި އޮތީ މި ރަށްރަށާއި ސިޓީތަކުގެ ތަރައްގީއާ އެކު ކުރިއަށްދާނީތޯ ނުވަތަ މިހާރު މި އޮތް ގޮތަށް ބާއްވާނީތޯ،" މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވިދާޅުވި އެވެ.

އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ފަލާހް ވިދާޅުވީ އެ ޕާޓީއަކީ ޒުވާން ވިސްނުމެއް ނެތް "މުސްކުޅި" ޕާޓީއެއް ކަމަށެވެ. އެމްޑީޕީން އަދިވެސް ގެންގުޅެނީ 2008 ވަނަ އަހަރުން ފެށިގެން ވިއްކަމުން އައި ސިޔާސަތުތައް ކަމަށާއި، އެ ސިޔާސަތުތައް މިހާރު މާކެޓުގައި "ނުވިކޭ" ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އަދި ބައެއް ރަށްރަށުން އެމްޑީޕީއަށް ކެންޑިޑޭޓުން ނުލިބުމުގެ ސަބަބުން ޕީއެންސީއަށް ބައެއް ގޮނޑިތައް ފަސޭހަކަމާ އެކު ކާމިޔާބުވަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

ފަލާހް އިތުރަށް ވިދާޅުވީ ޕީއެންސީން އަބަދުވެސް އިސްކަންދެނީ ޒުވާން ލީޑާޝިޕްތަކަށް ފުރުސަތު ދީގެން އާ ހިޔާލުތަކާ އެކު ތަރައްގީ ހޯދުމަށް ކަމަށެވެ. އެގޮތުން ކުޅުދުއްފުށީގެ އިތުރުން އެހެން ރަށްރަށުގެ ކައުންސިލްތަކަށް ވެސް ޕީއެންސީން ނެރެނީ ޒުވާން ލީޑަރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު މާތްﷲގެ ވާގިފުޅާއި ރަހުމަތާ އެކު ކާމިޔާބުކުރާނީ ވަރަށް ފަސޭހަކޮށް %80އަށް ވުރެ މަތިން،" ކަމަށް ވިދާޅުވެ ފަލާހް ވަނީ ޕީއެންސީއަށް ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *