އަންނަ ފެބްރުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ "އިންޑިއާ އޭއައި އިމްޕެކްޓް ސަމިޓް 2026″ އަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ 'ކާޓަން ރެއިޒާ' އިވެންޓް، ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މާލޭގައި ބާއްވައިފިއެވެ. އިއްޔެ ބޭއްވި މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި، ޓެކްނޮލޮޖީ ދާއިރާގެ މާހިރުންނާއި، ވިޔަފާރިވެރިން އަދި މީޑިއާގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި އިވެންޓުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޑރ. މުޙައްމަދު ކިނާނަތު އެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ، އޭއައި ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ މަސައްކަތު ގްރޫޕްތަކުގެ ބައްދަލުވުންތަކުގައި ރާއްޖެއިން އަމަލީގޮތުން ބައިވެރިވަމުންދާ ކަމަށެވެ. އަދި އޭއައިގެ ދާއިރާއިން ސަރަޙައްދީ އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ރާއްޖޭގެ 'ނޭޝަނަލް ޑިޖިޓަލް ޓްރާންސްފޯމޭޝަން ވިޜަން – މޯލްޑިވްސް 2.0′ ގެ ދަށުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ.
އިންޑިއާގެ ހައިކޮމިޝަނަރުގެ ވާހަކަފުޅުގައި، ވެރިކަން ހިންގުމާއި، ސިއްހީ ދާއިރާ، ތައުލީމު، އަދި މޫސުމީ ބަދަލުތަކަށް ކެތްތެރިވުން ފަދަ މުހިންމު ދާއިރާތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ގެނެވިދާނެ އިންގިލާބީ ބަދަލުތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ކުރިމަގުގެ އޭއައި ނިޒާމުތައް ބައްޓަންކުރުމުގައި ބައިނަލްއަގުވާމީ އެއްބާރުލުމާއި، އިންސާނިއްޔަތަށް އިސްކަންދޭ އީޖާދުތަކުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު ޑިޖިޓަލް އިންފްރާސްޓްރަކްޗަރާއި ޓެކްނޮލޮޖީގެ ދާއިރާއިން އޮތް ބަދަހި ގުޅުމުގެ މައްޗަށްވެސް މަޝްވަރާކުރެވުނެވެ. ވަކިން ހާއްސަކޮށް ޔޫޕީއައި އާއި ރޫޕޭ ފަދަ ފިންޓެކް ޕްލެޓްފޯމްތަކުގެ ޒަރީއާއިން ދެ ގައުމުގެ ދެމެދުގައި އޮތް އަމަލީ އެއްބާރުލުން ފާހަގަކުރެވުނެވެ.
އަންނަ ފެބްރުއަރީ 16 އިން 20 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއާ އޭއައި އިމްޕެކްޓް ސަމިޓް 2026 އަކީ ޒިންމާދާރު އަދި އަހުލާގީ މިންގަނޑުތަކުގެ ތެރެއިން އޭއައި ތަރައްގީކުރުމަށް އަމާޒުކޮށްގެން ބާއްވާ ބައިނަލްއަގުވާމީ ބޮޑު ސަމިޓެކެވެ. މި އިވެންޓަށްފަހު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި، ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން މި ސަމިޓުގައި ބައިވެރިވުމަށް އޮތް ޝައުގުވެރިކަން ވަނީ ހާމަކޮށްފައެވެ.


