ރާއްޖޭގެ ދެކުނުން އޮންނަ ފޯޅަވަހީގެ ރަށްތަކާ ގުޅޭ މައްސަލައިގައި ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ނިންމި ބައެއް ނިންމުންތަކުގެ ސަބަބުން ދިވެހި ދައުލަތަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ވިދާޅުވީ އެ ނިންމުންތައް ނިންމި ފަރާތްތަކާ ސުވާލުކުރުމަށް ހާއްސަ އިންކުއަރީ ކޮމިޝަނެއް އުފައްދަވާނެ ކަމަށެވެ.
މި މައްސަލައިގެ ފެށުމަކީ ޗާގޯސް ނުވަތަ ފޯޅަވަހީގެ ރަށްތަކަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާކަން ރާއްޖެއިން ބަލައިގަނެ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް 22 އޮގަސްޓު 2022 ގައި ފޮނުއްވި ސިޓީފުޅެވެ. އެ ސިޓީފުޅު ރަސްމީ ސިފައެއްގައި އާންމުކުރީ މި ސަރުކާރުން 19 ޑިސެމްބަރު 2023 ގައެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ކުރީގެ ރައީސް ސޯލިހު ފޮނުއްވި ސިޓީފުޅު އަނބުރާ ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ކުރީ ސަރުކާރުން އަމަލުކުރި ގޮތާ ބެހޭގޮތުން ސުވާލުކޮށް، ގާނޫނީ ފިޔަވަޅު އަޅަންޖެހޭ ނަމަ އެކަން ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"މި މައްސަލައާ ގުޅޭ ގޮތުން ނިމިދިޔަ ސަރުކާރުން ނިންމާފައިވާ ބައެއް ނިންމުންތަކުގެ ސަބަބުން ދިވެހި ދައުލަތަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް، މައްސަލައިގައި އައްޔަންކުރެވުނު ބައިނަލްއަގްވާމީ މާހިރުންގެ ލަފާ ލިބިފައިވާތީ، އެ ނިންމެވުންތައް ނިންމެވި ފަރާތްތަކާ ސުވާލުކޮށް… ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ)ގެ ދަށުން ކޮމިޝަން އޮފް އިންކުއަރީއެއް އުފައްދަން އަޅުގަނޑު ނިންމިކަން ވެސް އިއުލާންކުރަން،" ރައީސް ވިދާޅުވިއެވެ.
އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން 28 އޭޕްރީލް 2024 ގައި ކުރި ހުކުމުގައި، ދެ ގައުމުގެ ދެމެދުގައި ފުށުއަރާ 92,563 އަކަ ކިލޯމީޓަރުގެ ސަރަހައްދުން ރާއްޖެއަށް 47,232 އަކަ ކިލޯމީޓަރު އަދި މޮރިޝަސްއަށް 45,331 އަކަ ކިލޯމީޓަރު ވަނީ ކަނޑައަޅާފައެވެ. ނަމަވެސް ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދަކީ ދޫކޮށްލި ކަނޑުގެ ސަރަހައްދު ވެސް ހިމެނޭ ގޮތަށް ކަމަށް ކަނޑައަޅުއްވާ ކަމަށެވެ.
މި މައްސަލައިގައި އިންކުއަރީ ކޮމިޝަނެއް އުފެއްދުމުގެ މައިގަނޑު މަގްސަދަކީ އެފަދަ ނިންމުންތައް ނިންމި ސަބަބުތައް ދެނެގަތުމާއި، ކުރިމަގުގައި އެފަދަ ކަންކަން ތަކުރާރުނުވާނެ ގޮތަށް އުސޫލުތައް އެކަށައެޅުން ކަމަށް ސަރުކާރުން ހާމަކުރެއެވެ.


