Tuesday, 28 July 2026

އެޕްސްޓީންގެ މުޑުދާރު އަމަލުތަކެއް އޭރު ނޭނގޭ، ގުޅުން ބޭއްވުނީތީ ހިތާމަކުރަން: ވަހީދު

ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް އަދި އެ ކުދިންގެ ބަރަހަނާ މަންޒަރު ވީޑިއޯކޮށް، ނުފޫޒުގަދަ މީހުންނަށް އެ ކުދިން ވިއްކި އެމެރިކާގެ ޖެފްރީ އެޕްސްޓީންގެ މުޑުދާރު އަމަލުތަކުގެ އެއްވެސް މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށާއި އޭނާއާ ގުޅުން ބޭއްވިފައިވާތީ ހިތާމަކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ. އެޕްސްޓީންއާ ގުޅުން އޮތްކަން ހާމަވުމާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް، ރައީސް މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެންވޯއީގެ މަގާމުން ވަހީދު އިއްޔެ ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

ވަހީދުގެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެޕްސްޓީންއާ އެކު ބޭއްވިފައިވަނީ ހަމައެކަނި ރަސްމީ ބައްދަލުވުންތަކެއް ކަމަށާއި، ރަސްމީ ކަންކަމުގެ ބޭރުން އެއްވެސް ގުޅުމެއް ބާއްވަވާފައިނުވާނެ ކަމަށެވެ. އަދި އެއްވެސް ގޯސް ކަމެއްގައި ބައިވެރިވެވަޑައިގެންފައިނުވާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ވަނީ ދެއްވާފަ އެވެ.

"އެޕްސްޓީންއަކީ އެހާ މުޑުދާރު މީހެއްކަން އެނގިފައި އޮތް ނަމަ އެއްވެސް ބާވަތެއްގެ ގުޅުމެއް އެއްވެސް މިންވަރަކަށް ނުބޭއްވީސް،" ބަޔާނުގައިވެ އެވެ.

ވަހީދު ވިދާޅުވި ގޮތުގައި އެޕްސްޓީންއާ ބައްދަލުވެފައިވަނީ 2012 އަދި 2014 ވަނަ އަހަރު ބޭއްވި ދެ ބައްދަލުވުމެއްގަ އެވެ. އެއީ އޭރު ރާއްޖެ އޮތް ހާލަތުން އަރައިގަތުމަށާއި މާލީ އެހީތެރިކަން ހޯދުމަށް ލަފާ ހޯދުމުގެ ގޮތުން ބޭއްވި ބައްދަލުވުންތަކެކެވެ. އެޕްސްޓީންގެ ލަފާ ހޯދުމަށް އިރުޝާދު ދެއްވީ ނިއު ޔޯކުގެ ނުފޫޒުގަދަ ބޭފުޅެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް އެޕްސްޓީންއާ އެކު އެއްވެސް މާލީ މުއާމަލާތެއް ހިންގާފައިނުވާނެ ކަމަށް ވަހީދު ކަށަވަރުކޮށްދެއްވި އެވެ.

އެޕްސްޓީންގެ މައްޗަށް 2008 ވަނަ އަހަރު ޖަލު ހުކުމެއް އައިކަން ނުވަތަ އޭނާއާ ގުޅޭ ކުށްތަކުގެ އެއްވެސް މައުލޫމާތެއް އެނގިވަޑައިގެންފައި ނުވާ ކަމަށް ވަހީދު ވިދާޅުވި އެވެ. އަދި އެމަނިކުފާނުގެ އާއިލާއިން ވެސް އެޕްސްޓީންއާ އެކު އެއްވެސް ނުރަސްމީ ބައްދަލުވުމެއް ބާއްވާފައިނުވާނެ ކަމަށާއި އޭނާ ބޭއްވި އެއްވެސް ޕާޓީއެއްގައި ބައިވެރިވެފައި ނުވާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ޖެފްރީ އެޕްސްޓީންގެ މައްޗަށް 2005 ވަނަ އަހަރުން ފެށިގެން ތަހުގީގުތައް ހިންގާފައިވާއިރު، އޭނާގެ މައްޗަށް ސެކްސް ޓްރެފިކިންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވެ އެވެ. އޭނާގެ އަމިއްލަ ރަށާއި މެންޝަންގައި ދުނިޔޭގެ ނުފޫޒުގަދަ ސިޔާސީ ބޭފުޅުން ބައިވެރިކޮށްގެން ކުޑަކުދިންނަށް ޖިންސީ ގޯނާކުރި މައްސަލަ 2019 ވަނަ އަހަރު އަލުން ފެންމަތިވެފައިވެ އެވެ. އެޕްސްޓީން މަރުވީ 2019 ވަނަ އަހަރުގެ އޮގަސްޓް މަހު ޖަލުގައި ހުއްޓަ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *