Tuesday, 28 July 2026

ތައުލީމީ ރޮނގުން މީހުން ހޭލުންތެރިކުރަން ޑރ. ޒާހިރު ކުރެއްވީ ތައުރީފު ހައްގު މަސައްކަތްތަކެއް: ރައީސް

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ޗާންސެލަރުގެ މަގާމުން ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ ޑރ. މުހައްމަދު ޒާހިރު ހުސައިން އިސްތިއުފާ ދެއްވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އެމަނިކުފާނާ ބައްދަލުކުރައްވައި، ދައުލަތަށް ކޮށްދެއްވި ދިގު މުއްދަތުގެ ހިދުމަތްތަކުގެ އަގުވަޒަން ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ، ޑރ. ޒާހިރު އިސްތިއުފާ ދެއްވަން ހުށަހެޅުއްވުމާ ގުޅިގެން ބޭއްވި މި ބައްދަލުކުރެއްވުމުގައި، އެމަނިކުފާނު މަގާމުގައި ހުންނަވައިގެން ކޮށްދެއްވި ހިދުމަތްތަކަށް ރައީސް ޝުކުރު އަދާކުރެއްވި ކަމަށެވެ. އަދި ރާއްޖޭގެ ތައުލީމީ ދާއިރާގެ ކުރިއެރުމަށާއި ތަރައްގީއަށް ޑރ. ޒާހިރު ވަރަށް އިހުލާސްތެރިކަމާ އެކު، މިންނަތް މަސައްކަތްތަކެއް ކޮށްދެއްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރުން އޭރު ފެށި އަސާސީ ތައުލީމުގެ މަޝްރޫއު ހިންގަވައި ދެއްވުމާއި، ރަށްރަށުގެ ކޮމިއުނިޓީ ސްކޫލުތަކާއި އަތޮޅު މަދަރުސާތައް ބިނާކޮށް ތައުލީމީ ރޮނގުން ރަށްރަށުގެ މީހުން ހޭލުންތެރިކުރަން ޑރ. ޒާހިރު ކުރެއްވީ ތައުރީފު ހައްގު މަސައްކަތްތަކެއް ކަމަށެވެ. ޑރ. ޒާހިރު ވަނީ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމުގައި 10 އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަކުރައްވައި، ރާއްޖޭގެ ތައުލީމީ މުގައްރަރުތައް ދިވެހިވަންތަ ނިޒާމަކަށް ބަދަލުކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

އިސްތިއުފާ ދެއްވުމަށްފަހު ޑރ. ޒާހިރު ވިދާޅުވީ، އައިޔޫއެމަށް ހިދުމަތް ކުރެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި މި ސަރުކާރުން ވެސް އެ ފުރުސަތު ދެއްވީތީ ރައީސަށް ޝުކުރު އަދާކުރައްވަމުން، ރާއްޖޭގެ ތައުލީމީ ނިޒާމު ހަރުދަނާކޮށް ފެންވަރު މަތިކުރެއްވުމަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އެމަނިކުފާނު ތައުރީފު ކުރެއްވިއެވެ.

ޑރ. ޒާހިރު ހުސައިން ވަނީ ޖުމްލަ 49 އަހަރާއި ނުވަ މަސް ދުވަހު ދައުލަތަށް ހިދުމަތް ކުރައްވާފައެވެ. އޭގެ ތެރެއިން 33 އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަކުރެއްވީ ތައުލީމީ ދާއިރާގައެވެ. އައިޔޫއެމްގެ ޗާންސެލަރުގެ މަގާމުގެ އިތުރުން އެމްއެންޔޫގެ ޗާންސެލަރުގެ މަގާމުވެސް ފުރުއްވާފައިވާ ޒާހިރުގެ ހިދުމަތުގެ އަގުވަޒަންކުރައްވައި ރައީސް މިއަދު ވަނީ ހާއްސަ ސިޓީފުޅެއްވެސް އަރުވާފައެވެ.

އައިޔޫއެމްގެ ޗާންސެލަރުގެ މަގާމަށް ޑރ. ޒާހިރު އެންމެ ފަހުން އައްޔަންކުރެއްވީ އޮގަސްޓް 2019 ގައެވެ. އެމަނިކުފާނަކީ ރާއްޖޭގެ ތައުލީމީ ދާއިރާއަށް ކޮށްދެއްވި ހިދުމަތްތަކަށްޓަކައި 2024 ވަނަ އަހަރު ތައުލީމަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފުވެސް އަރުވާފައިވާ ބޭފުޅެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *