Tuesday, 28 July 2026
ފޮޓޯ: ނިއުސްވީކް

ނިޕާ ވައިރަސް ފެތުރުމުގެ ފުރުސަތު ކުޑަ: ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ

އިންޑިއާއިން ފެނުނު ނިޕާ ވައިރަސް ފެތުރުމުގެ ފުރުސަތު ކުޑަ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ހުކުރު ދުވަހު ބުނެފިއެވެ. އެ އިދާރާއިން މިހެން ބުނެފައިވަނީ އިންޑިއާގައި ބަލި ޖެހުނު ދެ މީހުންނާ ކޮންޓެކްޓްވި 190 އަށްވުރެ ގިނަ މީހުންގެ ތެރެއިން އެއްވެސް މީހަކު މިހާތަނަށް ބައްޔަށް ޕޮޒިޓިވްވެފައި ނުވާތީއެވެ.

ޑަބްލިއުއެޗްއޯގެ ހެލްތު އިމަޖެންސީސް ޕްރޮގްރާމްގެ އޮފިޝަލެއް ކަމަށްވާ އަނައިސް ލެގާންޑް ވިދާޅުވީ، ގައުމީ، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި މި ބަލި ފެތުރުމުގެ ނުރައްކާ އޮތީ ވަރަށް ކުޑަ މިންވަރެއްގައި ކަމަށެވެ. ބަލި ޖެހުނު ދެ މީހުންނަކީވެސް ބަލީގެ އަލާމާތްތައް ފެނުނުއިރު ދަތުރުފަތުރުކޮށްފައިވާ ބައެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ބަލި ޖެހުނު ދެ މީހުންނަށްވެސް މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، އޭގެ ތެރެއިން އެކެއްގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ.

އިންޑިއާއިން މި ބަލި ފެނުމާ ގުޅިގެން ހޮންކޮންގް، މެލޭޝިއާ، ސިންގަޕޫރު، ތައިލެންޑް އަދި ވިއެޓްނާމް ފަދަ އޭޝިއާގެ ގައުމުތަކުން ވަނީ އެއާޕޯޓްތަކުގައި ސްކްރީން ކުރުމުގެ ކަންކަން ވަރުގަދަކޮށްފައެވެ. ލެގާންޑް ވިދާޅުވީ ވައިރަހަށް އެއްވެސް ބަދަލެއް (މިއުޓޭޝަން) އައިސްފައިވޭތޯ ބެލުމަށް އިންޑިއާއިން ވައިރަހުގެ ސީކުއެންސް ދޫކުރަންދެން މަޑުކުރަމުންދާ ކަމަށެވެ. ނަމަވެސް މިވަގުތު ކަންބޮޑުވާންޖެހޭ ފަދަ ހެއްކެއް ފެނިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނިޕާ ވައިރަހަކީ ވާލާއި އޫރު ފަދަ ޖަނަވާރުންގެ ފަރާތުން އިންސާނުންނަށް ފެތުރޭ ބައްޔެކެވެ. މި ބަލީގެ ސަބަބުން ގަދައަށް ހުން އައުމާއި ސިކުނޑި ދުޅަވުން ފަދަ ނުރައްކާތެރި އަލާމާތްތައް ފެނެއެވެ. މި ބަލީގައި މަރުވާ މީހުންގެ ނިސްބަތް %40 އާއި %75 އާ ދެމެދުގައި ހުރިއިރު، މި ބައްޔަށް އަދި ވަކި ހާއްސަ ފަރުވާއެއް ނުވަތަ ވެކްސިނެއް ހޯދިފައެއް ނުވެއެވެ. ނަމަވެސް ބައެއް ވެކްސިންތައް މިހާރު ދަނީ ޓެސްޓު ކުރަމުންނެވެ.

މިފަހަރު ބަލި ފެތުރެން މެދުވެރިވި ސަބަބު އަދި މުޅިން ސާފެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *