ރާއްޖޭގެ ޖައްވުގެ ސަރަހައްދުގައި ވައި ނުސާފުވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާގެ ތަފާސްހިސާބުތަކާ ހަވާލާދީ އެޗްޕީއޭއިން ބުނީ، ހާއްސަކޮށް މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައި ނުސާފުވުމުގެ އަސަރު ބޮޑަށް ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ދެ ދުވަހު ވެސް މި ހާލަތު ދެމިއޮންނާނެ ކަމަށް ބެލެވޭ ކަމަށެވެ.
ވައި ނުސާފުވުމުގެ ސަބަބުން ސިއްހީ މައްސަލަތައް ކުރިމަތިވެދާނެތީ، ފުއްޕާމޭގެ ބަލިތަކާއި، ހިތުގެ ބަލި އަދި އެކި ކަހަލަ އެލާޖީ ހުންނަ މީހުން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ. އަދި ކޮންމެހެން ބޭރަށް ނުކުންނަން ޖެހޭ ހާލަތްތަކުގައި މާސްކް އެޅުމަށާއި، ގޭތެރެއަށް ނުސާފު ވައިގެ އަސަރު ނުކުރާނެހެން ދޮރުތައް ލައްޕާފައި ބެހެއްޓުމަށް ވެސް އެ އިދާރާއިން އެދިފައިވެއެވެ.
މީގެ އިތުރުން، ބަލިތަކަށް ނާޒުކު ފަރާތްތައް ކަމަށްވާ ކުޑަކުދިންނާއި، ދޮށީ އުމުރުގެ މީހުންގެ އިތުރުން މާބަނޑު މީހުން ބޭރުގައި އުޅުން މަދުކުރުމަށް ވަނީ އަންގާފައެވެ. ވަކިން ހާއްސަކޮށް ތުއްތު ކުދިން ބޭރަށް ނުނެރުމަށް އެޗްޕީއޭއިން ވަނީ ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ.
ޖައްވު ނުސާފުވެފައިވާ މި ދަނޑިވަޅުގައި، ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ހަރަކާތްތައް ވަގުތީ ގޮތުން މަޑުޖައްސާލުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.


