Tuesday, 28 July 2026

ސާފް ފުޓްސަލްގެ ތަށި ހޯދި ގައުމީ ޓީމަށް ހޫނު މަރުހަބާއެއް ކިޔައިފި

ސާކު ސަރަހައްދުގެ ފުރަތަމަ ފުޓްސަލް މުބާރާތުގެ ތަށި ހުރިހާ މެޗަކުން މޮޅުވެގެން ކާމިޔާބުކުރި ދިވެހި ގައުމީ ޓީމު މާލެ އައުމުން، އެ ކުޅުންތެރިންނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ. ބެންކޮކުގައި ބޭއްވި މި މުބާރާތް ކާމިޔާބުކުރި ޓީމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ޓާމިނަލުން މަރުހަބާ ވިދާޅުވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުގެ އިތުރުން ފުޓުބޯޅަ ދާއިރާގެ އިސްވެރިންނާއި ކުޅުންތެރިންގެ އާއިލާތަކުންނެވެ.

އެއާޕޯޓުން މަރުހަބާ ކިޔުމަށްފަހު، ޓީމުގެ ކުޅުންތެރިން ބަހުގައި މާލެ އައުމުން ސޯޝަލް ސެންޓަރު ސަރަހައްދުންވެސް ގިނަ ބަޔަކު ވަނީ ޓީމަށް މަރުހަބާ ކިޔާފައެވެ. އެއަށްފަހު ޚާއްސަ ލޮރީއެއްގައި ޓީމު މިހާރު ދަނީ މަރުހަބާ ކިޔުމުގެ މައިގަނޑު ހަރަކާތްތައް ރޭވިފައިވާ އާޓިފިޝަލް ބީޗު ސަރަހައްދަށެވެ. އެ ސަރަހައްދުގައި ޓީމުގެ ކާމިޔާބީ ފާހަގަކުރުމަށް ހަވާ އެރުވުމުގެ ހަރަކާތްތައް ކުރިއަށްދާނެތީ، ވީހާވެސް ގިނަ ބަޔަކު އެ ސަރަހައްދަށް އެއްވުމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މި މުބާރާތުގައި ރާއްޖެއިން ހޯދި ތާރީޚީ ކާމިޔާބީގެ ފަހަތުގައި ވަރުގަދަ ތައްޔާރީތަކެއް އޮތްކަން ފާހަގަކުރެވެއެވެ. އެގޮތުން މުބާރާތަށް ތައްޔާރުވުމަށް ޗައިނާގައި ޚާއްސަ ތަމްރީނު ކޭމްޕެއް ކުރިއަށްގެންގޮސްފައިވާއިރު، ޓީމަށް އިރުޝާދު ދިނުމަށް އުޒްބަކިސްތާނުގެ ތަޖުރިބާކާރު ކޯޗެއްވެސް ވަނީ ހަމަޖައްސާފައެވެ. މި ތައްޔާރީތަކާއެކު ދިވެހި ޓީމުން ވަނީ މުޅި މުބާރާތުގައިވެސް ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ.

ދިވެހި ޓީމުގެ ކުޅުމަށް ސަރަހައްދީ ފެންވަރުގައި ބޮޑު ތަރުހީބެއް ލިބިފައިވާއިރު، މުބާރާތުގައި ވާދަކުރި އެހެން ގައުމުތަކުގެ ކޯޗުންނާއި ކުޅުންތެރިންގެ އިތުރުން ކުޅިވަރު އެނަލިސްޓުންވެސް ވަނީ ރާއްޖޭގެ ޓީމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. މި ކާމިޔާބީއަކީ ރާއްޖޭގެ ފުޓްސަލްގެ ތާރީޚުގައި މިހާތަނަށް ހޯދި އެންމެ ބޮޑު އެއް ކުރިއެރުން ކަމުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *