Tuesday, 28 July 2026

ފަތިސް ނަމާދާއެކު ދުވަސް ފެށުމަށް ރައީސް އިލްތިމާސްކުރައްވައިފި

ފަތިސް ނަމާދު ކުރުމަށް ގަޑިއަށް ހޭލައި އެ ނަމާދާއެކުގައި ދުވަސް ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް މިއަދު އިލްތިމާސް ކުރައްވައިފިއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބިނާކޮށްފައިވާ ޝަހީދު ޢަލީ ސްކޫލް ހުޅުއްވައި ދެއްވައި، އެމަނިކުފާނު ވިދާޅުވީ ދިވެހިންނަކީ މާތްވެގެންވާ އިސްލާމް ދީނުގައި ސާބިތުވެތިބޭ ބަޔަކަށްވާއިރު، އަހަރެމެން ވާންޖެހޭނީ އަބަދުވެސް އެކަން ހަނދާންކޮށް އިސްލާމް ދީނުގައި ކަނޑައަޅާފައި އޮންނަ ގޮތަށް ކަންކަން ތަރުތީބުކޮށް ކޮންމެ ދުވަހެއް ކޮންމެ ވަގުތެއްވެސް އެގޮތުގައި ހޭދަކުރާ ބަޔަކަށްކަމަށެވެ.

ރައީސް ވިދާޅުވީ ޝަހީދު ޢަލީ ސްކޫލަކީ ވަރަށް ވެސް ފަހުރުވެރިޔާ އަބްތޯލަކަށް ނިސްބަތްވާ ސްކޫލެއް ކަމަށެވެ. މި ގައުމު މިނިވަންކުރުމަށް އަލިރަސްގެފާނު ކުރެއްވި ޖިހާދަށް ނިސްބަތްކޮށް ސްކޫލަށް ނަންދީފައިވަނީ މި ގައުމުގެ މުސްތަގްބަލް ބިނާކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތު ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ކަމަށް ވެސް ވިދާޅުވިއެވެ. މިއީ ތުއްތު ކުދިންނާއި ޒުވާނުންގެ ހިދުމަތުގައި ގައުމީ ލޯބި އަށަގަންނަވާ ބިންވަޅު ނެގުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން ބައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދިމައިންބަފައިންގެ ކިބައިން ވެސް ރައީސް މުއިއްޒު އެދިވަޑައިގެންނެވީ، ހުރިހާ ކިޔަވާ ކުދިން ދުވަސް ފަށަނީ ފަތިސްނަމާދުންކަން ޒިންމާއެއްގެ ގޮތުގައި ކަށަވަރުކުރުމަށެވެ. ހަމައެހެންމެ ދީނުގައި ކަންތައްތައް އޮންނަނީ ހަމައެކަނި ފޮތެއްގައި ލިޔެފައިއެއް ނޫން ކަމަށާއި އެކަންކަމަކީ ޒިންމާއެއްގެ ގޮތުގައި އަމަލީ ގޮތުން ކޮންމެ ދުވަހަކު ކުރުމަށްޓަކައި އޮންނަ ކަންތައްތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން ދުވަސް ފަށަން އޮންނަ ގޮތަށް ފަށައި އެ ދުވަހުގެ ބޭނުން ކިޔަވާ ކުދިން އެންމެ ހެޔޮ ގޮތުގައި ހިފާނެ ގޮތަށް ސްކޫލުތަކުގައި ކަންކަން ތަރުތީބުވެފައި ހުންނަންވާނެ ކަމަށް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *