ޖުމްހޫރީ ދައުލަތެއްގެ ގޮތުގައި އިންޑިއާގެ ދުސްތޫރީ ހަޔާތް ބިނާވެގެން އައި ގޮތަކީ، އެހެން ގައުމުތަކަށް އެއިން ގިނަގުނަ އިބުރަތްތަކެއް ލިބިގެންދާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިފަދައިން ވިދާޅުވީ އިންޑިއާގެ 77 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައެވެ.
ނައިބު ރައީސްގެ މެސެޖުގައި އިންޑިއާގެ ނައިބު ރައީސް، ހިޒް އެކްސެލެންސީ ސްރީ ސީ. ޕީ. ރާދަކްރިޝްނަން އަށާއި، އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުންތައް ވަނީ ފޮނުއްވާފައެވެ. އަދި ދިވެހިރާއްޖެ އާއި އިންޑިއާއަކީ ތާރީޚީ ގޮތުން ގާތް ގުޅުމެއް އޮންނަ ދެ ގައުމުކަން ފާހަގަކުރައްވައި، މި ގުޅުމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންނަށް ވެސް ބޮޑެތި މަންފާތަކެއް ކުރަމުންދާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެ، ވަރުގަދަވެގެން ދިއުމަކީ އުންމީދު ކުރައްވާ ކަމެއް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އިންޑިއާގެ ޖުމްހޫރީ ދުވަހަކީ އެ ގައުމުގެ ޚާއްޞަ މުނާސަބަތެއްގެ ގޮތުގައި ކޮންމެ އަހަރަކުވެސް ކުލަގަދަކޮށް ފާހަގަކުރާ ދުވަހެކެވެ.
އިންޑިއާގެ ޖުމްހޫރީ ދުވަސް ނިސްބަތްވަނީ 1950 ވަނަ އަހަރުގެ ޖެނުއަރީ 26 ވަނަ ދުވަހު އެ ގައުމުގެ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ތާރީޚަށެވެ. އެއީ އިންޑިއާގެ ފުރަތަމަ ރައީސް ޑޮކްޓަރ ރަޖެންދްރާ ޕްރަސާދް، މަގާމުގެ ހުވާކުރެއްވި ތާރީޚީ ދުވަސްވެސް މެއެވެ.


