ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މެދުގައި މަކަރާއި ހީލަތުން ފައިސާ ހޯދައި، މަނީ ލޯންޑަރިންގްގެ އަމަލުތައް ހިންގަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ބަންގްލަދޭޝްގެ ހަ ފިރިހެނަކު ފުލުހުންގެ ބަންދަށް ގެންގޮސްފި އެވެ. ފުލުހުން ހާމަކުރި ގޮތުގައި މި މީހުންނަކީ ވޯކް ޕާމިޓާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރުމާއި، އެހެން ބިދޭސީންނަށް ވޯކް ޕާމިޓް ހޯދައިދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދަމުންދިޔަ ބައެކެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މުޙައްމަދު އިމޮން ކަޒި (30އ)، އަފްޖަލް ހޮސައިން (31އ)، ޙަބީބުއްރަޙްމާން (35އ)، މުޙައްމަދު ޙަނީފް ބަޕަރީ (46އ)، ކަޒި ރައިހާން (22އ) އަދި މުޙައްމަދު ޔޫސުފް ޕްރޮދަން (30އ) އެވެ. މި އެންމެންނަކީ ވެސް ބަންގްލަދޭޝްއަށް ނިސްބަތްވާ ރައްޔިތުން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
ފުލުހުންގެ ތަހުގީގަށް މި މީހުން ހައްޔަރުކޮށްފައިވަނީ ތަފާތު އެކި ދުވަސްމަތިންނެވެ. އެގޮތުން މުޙައްމަދު ޙަނީފް ބަޕަރީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ހައްޔަރުކޮށްފައިވާއިރު، މުޙައްމަދު އިމޮން ކަޒި އާއި ކަޒި ރައިހާން އަދި މުޙައްމަދު ޔޫސުފް ޕްރޮދަން ހައްޔަރުކުރީ މި މަހުގެ 22 ވަނަ ދުވަހު އެވެ. އަދި އަފްޖަލް ހޮސައިން އާއި ޙަބީބުއްރަޙްމާން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ މި މަހުގެ 23 ވަނަ ދުވަހު އެވެ.
މި ހަ މީހުން ވެސް މިހާރު ތިބީ ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބަންދުގައެވެ. ފުލުހުން ދަނީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ތަހުގީގު ކުރަމުންނެވެ.


