Tuesday, 28 July 2026
ފޮޓޯ: ސިޑިބަރި

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ރާއްޖެއިން ކާމިޔާބުކޮށްފި

ފުރަތަމަ ފަހަރަށް ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ބޫޓާނާ ވާދަކޮށް 1-3 އިން މޮޅުވެ، ލީގުގައި ބާކީ އެއް މެޗު އޮއްވައި ދިވެހިރާއްޖެއިން މުބާރާތް ކާމިޔާބުކޮށްފިއެވެ. މިއީ ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން ހޯދި ފުރަތަމަ ބޮޑު ކާމިޔާބީއެވެ. މީގެ ކުރިން ރާއްޖެއިން ވަނީ ފުޓްބޯޅައިން 2008 އަދި 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ.

ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ބޫޓާނުން ލަނޑެއް ޖަހައި ކުރި ހޯދާފައިވަނިކޮށް، ރާއްޖެއަށް ނަތީޖާ އެއްވަރުކޮށްދިނީ އަބްދުﷲ ޖުނެއިދު (ޖޭންނޭ) އެވެ. ދެވަނަ ހާފުގައި ރާއްޖެއިން ކުޅުން ރަނގަޅުކޮށް، އަހުމަދު ހަމީދު (އަންމަޑޭ) އާއި ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ޖަހައިދިން ލަނޑުތަކާއެކު ރާއްޖެއިން ވަނީ މުބާރާތުގެ ތަށި ކަށަވަރުކޮށްފައެވެ. މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް ރާއްޖެ ވަނީ މޮޅުވެ 15 ޕޮއިންޓް ހޯދާފައެވެ.

ރާއްޖޭގައި އިންޑޯ ފުޓްސަލް ދަނޑެއް ނެތުމުގެ ސަބަބުން ގައުމީ ޓީމުން މުބާރާތަށް ތައްޔާރުވީ ޓާފް ދަނޑުތަކުގައި ތަމްރީނު ހޯދުމަށްފަހު، ޗައިނާގައި ކުރިއަށްގެންދިޔަ 10 ދުވަހުގެ އިންޑޯ ކޭމްޕަކުންނެވެ. ގައުމީ ޓީމުގެ ކޯޗު ފާރޫކް ޒަކީރޯވް ވަނީ މި ކާމިޔާބީއަށްފަހު ރާއްޖޭގައި ހަގީގީ ފުޓްސަލް ތަރައްގީވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް ބުނެފައެވެ.

މި މުބާރާތުގެ ތާވަލަށް ބަލާއިރު، ދެވަނައިގައި 10 ޕޮއިންޓާއެކު ޕާކިސްތާން އޮތްއިރު، ތިންވަނައިގައި އޮތީ 8 ޕޮއިންޓް ލިބިފައިވާ ނޭޕާލެވެ. ހަ މެޗު ކުޅެގެން 7 ޕޮއިންޓާއެކު ބަންގްލަދޭޝް ހަތަރުވަނައިގައި އޮތްއިރު، އިންޑިއާ، ލަންކާ އަދި ބޫޓާން އޮތީ ތާވަލުގެ ފުލުގައެވެ. ރާއްޖެއިން މި މުބާރާތުގައި ޕާކިސްތާން، ބަންގްލަދޭޝް، އިންޑިއާ އަދި ނޭޕާލްގެ މައްޗަށް ވަނީ ކުރިހޯދާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *