މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން، އިދިކޮޅު އެމްޑީޕީގެ ކެމްޕޭން ރަސްމީކޮށް އަންނަ މަހު ލޯންޗް ކުރުމަށް އެ ޕާޓީން ނިންމައިފިއެވެ. އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރި ގޮތުގައި، ކެމްޕޭން ލޯންޗް ކުރުމުގެ ހާއްސަ ހަރަކާތް އޮންނާނީ އަންނަ މަހުގެ 12 ވާ ބުދަ ދުވަހުގެ ރޭގައެވެ.
ކައުންސިލް އިންތިހާބަށް އެމްޑީޕީން ކަނޑައަޅާފައިވާ ތަރުޖަމާނު އަދި ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ، އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކަށް ބޭނުންވާ ތަމްރީންތައް ދިނުމުގެ މަސައްކަތް މިއަދު ރަސްމީކޮށް ފަށާނެ ކަމަށެވެ. މި ތަމްރީންތަކަކީ ކައުންސިލް އިންތިހާބުގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހަރަކާތްތަކެކެވެ.
އަބްދުﷲ ވަހީދު އިތުރަށް ވިދާޅުވީ އެމްޑީޕީގެ މައިގަނޑު އަމާޒަކީ ކުރިއަށް އޮތް އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރުން ކަމަށެވެ. މި އިންތިހާބުތަކުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން މިހާރު ވަނީ ކަނޑައަޅައި ނިމިފައެވެ. އޭގެ ތެރެއިން ގިނަ ކެންޑިޑޭޓުން ހޮވާފައިވަނީ މި މަހުގެ 16 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީގައެވެ.
އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ މި އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 294,937 މީހުންނަށް ލިބިގެންވެއެވެ. މިއީ ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް މުހިންމު އިންތިހާބަކަށް ވާއިރު، ގިނަ އަދަދެއްގެ މީހުން ވޯޓުލުމަށް ރަޖިސްޓްރީވެފައިވާކަން ފާހަގަކުރެވެއެވެ.
މި އިންތިހާބުގައި ޖުމްލަ 225 ދާއިރާއަކުން ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެމްޑީޕީން އަންނަނީ މި އިންތިހާބަށް ވަރަށް ފުޅާދާއިރާއެއްގައި ތައްޔާރުވަމުންނެވެ.


