ތަޢުލީމީ ދާއިރާ އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި އެކުލަވާލާފައިވާ ތަޢުލީމީ ދާއިރާގެ މާސްޓަ ޕްލޭން މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އާންމުކުރަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި ޕްލޭންގެ ދަށުން ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މުހިންމު ލަނޑުދަނޑިތަކެއް ތަޢުލީމީ ދާއިރާގެ ތެރެއިން ތަންފީޒު ކުރެވިގެންދާނެ ކަމަށެވެ.
މިނިސްޓަރު ޝަފީއު ފާހަގަކުރެއްވި ގޮތުގައި މި މާސްޓަ ޕްލޭންގެ ދަށުން އެންމެ އިސްކަމެއް ދޭނެ އެއް ކަމަކީ ޓީޗަރުން ތަމްރީން ކުރުމެވެ. ޚާއްޞަކޮށް ޓެކްނޮލޮޖީގެ ވަސީލަތްތަކަށް އަހުލުވެރި ޓީޗަރުން ބިނާކުރުމަށް ފާއިތުވި ދެ އަހަރުގެ ތެރޭގައި ވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، ޓީޗަރުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ނުވަތަ ފަންނީ ކުރިއެރުމަށް ކުރެވޭ މަސައްކަތްތައް މިއަހަރުގެ ތެރޭގައި އިތުރަށް ފުޅާކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ތަޢުލީމީ ދާއިރާގެ ލީޑަޝިޕްގެ ޑިޖިޓަލް ގާބިލުކަން އިތުރުކުރުމަކީ ވެސް މި ޕްލޭންގެ މުހިންމު ބައެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ޑިޖިޓަލް ކޮމްޕިޓެންސީ ލީޑަޝިޕް މަތިކުރަމުން މިހާރު މި އަންނަނީ ތަޢުލީމީ ދާއިރާގެ މާސްޓަރ ޕްލޭންގެ ދަށުން ކަމަށެވެ. އަދި މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި މި ޕްލޭން ރަސްމީކޮށް ތަޢާރަފުކުރެވިގެންދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ތަޢުލީމީ ދާއިރާ ތަރައްޤީކުރުމަށްޓަކައި ބައިނަލްއަޤުވާމީ ޖަމްޢިއްޔާއެއް ކަމަށްވާ ޔުނިސެފާ ގުޅިގެން ވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.


