ޗާގޯސް ޖަޒީރާތަކުގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް މޮރިޝަސްއަށް ވުރެ ބޮޑަށް، ޖިއޮގްރަފީގެ ގޮތުންނާއި ތާރީހީ ގޮތުންނާ އަދި ގާނޫނީ ގޮތުން ވެސް ރާއްޖެއަށް އޮތް ހައްގު ބޮޑު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ އިނގިރޭސިވިލާތުގެ 'އެކްސްޕްރެސް.ކޯ.ޔޫކޭ' ނޫހަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ދިވެހިންގެ މެދުގައި ތާރީހީ ގޮތުން 'ފޯޅަވަހި’ގެ ނަމުން މަޝްހޫރުވެފައިވާ ޗާގޯސްގެ މުސްތަގްބަލާ ގުޅޭ ގޮތުން ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރާ އެކު މިހާރު ރަސްމީކޮށް މުއާމަލާތްކޮށްފައިވާ ކަމަށެވެ. މި މައްސަލައަކީ ހަމައެކަނި ބައިނަލްއަގްވާމީ ސިޔާސީ މަސްލަހަތާ ގުޅިފައިވާ ކަމެއް ނޫން ކަމަށާއި، މިއީ ތާރީހީ ހަގީގަތްތަކާއި އިންސާފާ ގުޅިފައިވާ މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ދެކުނުން އޮންނަ އަދި އަޅުގަނޑުމެން ފޯޅަވަހީގެ ނަމުން ނަންދީފައިވާ ޗާގޯސް އާއި ރާއްޖެއާ ދެމެދު ތާރީހީ ގުޅުންތަކެއްވޭ. މި ގުޅުންތަކަކީ ލިޔެކިޔުންތަކުން ސާބިތުވާން ހުރި ހެކިތަކެއް. އަދި އެހެން އެއްވެސް ގައުމަކަށް ވުރެ ބޮޑަށް މި ޖަޒީރާތަކުގެ މައްޗަށް ދައުވާ ކުރުުމުގެ ހައްގު ރާއްޖެއަށް އޮތް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ރަސްމީ ސިޓީތަކެއްގެ ޒަރީއާއިން އިނގިރޭސި ސަރުކާރަށް މި މައްސަލަ ހުށަހަޅައި، ރާއްޖޭގެ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށެވެ. އެ މަޝްވަރާތަކުގެ ތަފްސީލު މިވަގުތު ހާމަކުރެވެން ނެތް ނަމަވެސް، ފޯޅަވަހީގެ ސިޔާދަތީ ބާރުގެ މައްޗަށް އެންމެ ވަރުގަދަ ދައުވާއެއް ކުރެވެން އޮތީ ރާއްޖެއަށް ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޗާގޯސް މޮރިޝަސްއާ ހަވާލުކޮށް، އެ ތަނުގެ މުހިންމު އަސްކަރީ މަރުކަޒު އަނބުރާ ކުއްޔަށް ހިފުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ފާޑުވިދާޅުވެފަ އެވެ. ޓްރަމްޕް އެ ނިންމުން ސިފަކުރެއްވީ "ބޮޑު މޮޔަކަމެއް"ގެ ގޮތުގަ އެވެ. އިނގިރޭސިވިލާތުން މޮރިޝަސްއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، ޑިއޭގޯ ގާސިއާގެ އަސްކަރީ މަރުކަޒު 99 އަހަރަށް ކުއްޔަށް ހިފުމަށް ވަނީ ނިންމާފަ އެވެ.
މީގެ ކުރިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ރާއްޖެއަށް ފަހިވާ ގޮތަށް ހުކުމްކޮށްފަ އެވެ. ރައީސް މުއިއްޒު ވަނީ މި މައްސަލައިގައި އިނގިރޭސި ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވިކަން 2024 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވެސް ހާމަކުރައްވާފަ އެވެ.


