Tuesday, 28 July 2026
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު

ގައުމީ ފުޓްބޯޅަ ސްޓޭޑިއަމް ހުޅުމާލެއަށް ބަދަލުކޮށް، ގަލޮޅު ދަނޑު އުވާލަން ނިންމައިފި

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމްގެ ގޮތުގައި މިހާރު ބޭނުންކުރަމުންދާ ގަލޮޅު ރަސްމީ ދަނޑު އުވާލައި، ރާއްޖޭގެ މައި ސްޓޭޑިއަމް ހުޅުމާލޭ ފޭސް އެކެއްގައި ތަރައްގީކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ. ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، ގަލޮޅު ދަނޑަކީ ރާއްޖޭގެ ކުޅިވަރުގެ ބޮޑު ތާރީހެއް އޮތް ތަނެއް ނަމަވެސް، މިހާރު އެތަނަކީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ސްޓޭޑިއަމެއް ތަރައްގީކުރަން އެންމެ އެކަށޭނެ ބިމެއް ނޫން ކަމަށެވެ.

މިނިސްޓަރު ރާފިއު ފާހަގަކުރެއްވި ގޮތުގައި ގަލޮޅު ދަނޑު ހުރި ސަރަހައްދުގެ ގޮތުން ސޭފްޓީ އާއި ސެކިއުރިޓީގެ އިތުރުން ޕާކިން އާއި ޓްރެފިކް މެނޭޖްކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ.

"ގަލޮޅު ބޯޅަ ދަނޑަކީ އިންޓަނޭޝަނަލް ސްޓޭޑިއަމެއްގެ ސިފައިގައި ގާއިމުކުރަން އެންމެ އެދެވޭ ތަނެއް ނޫން،" މިނިސްޓަރު ވިދާޅުވިއެވެ. އަދި އާންމު ރައްޔިތުން ދިރިއުޅޭ މީހުން ގިނަ ސަރަހައްދެއްގެ މެދުގައި މިފަދަ ވަސީލަތެއް ބޭއްވުމުގެ ބަދަލުގައި، ހުޅުމާލޭގައި ސްޓޭޑިއަމް އެޅުމުން ބައިނަލްއަގްވާމީ ކުޅިވަރުގެ ރައްކާތެރި މިންގަނޑުތަކަށް ފެތޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގަލޮޅު ދަނޑުގެ މުސްތަގުބަލާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، އެތަނުގެ މިހާރުގެ ހާލަތަށް ބަލާއިރު ތަޅާނުލައި ބެހެއްޓޭކަށް ނެތް ކަމަށެވެ. އެހެންކަމުން، އެ ދަނޑު ތަޅާލުމަށްފަހު އާންމުންނަށް ފަސޭހައިން ވަދެ ނުކުމެވޭނެ، އަދި ކުޅިވަރު ކުޅެވޭނެ ފަދަ ހުސް ބިމެއްގެ ގޮތުގައި އެތަން ތަރައްގީކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މީގެ ސަބަބުން މާލޭގެ ތޮއްޖެހުމަށް ލުޔެއް ލިބި، އާންމުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުވެގެންދާނެ ކަމަށް ބެލެވެއެވެ.

ހުޅުމާލޭ ފޭސް އެކެއްގެ ދެކުނުކޮޅުން ސްޓޭޑިއަމް އެޅުމަށް މިހާރު ވެސް ބިމެއް ކަނޑައަޅާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިހާރު އެ ބިމުގައި އިމާރާތްކުރުމުގެ ސާމާނު ބަހައްޓާފައި ހުރި ނަމަވެސް، އާ ސްޓޭޑިއަމްގެ މަސައްކަތް ނިމުމުން ރާއްޖޭގެ ގައުމީ ޓީމުގެ މެޗުތަކާއި ބައިނަލްއަގްވާމީ މުބާރާތްތައް ކުރިއަށްދާނީ ހުޅުމާލޭގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *