Tuesday, 28 July 2026

ހުއްދަ ނެތި ބޭސް ވިއްކާ ފާމަސީތަކާ މެދު ފިޔަވަޅު އަޅަނީ

ރާއްޖޭގައި ބޭސް ވިއްކުމުގެ ހުއްދަ ނެތި ހިންގާ ފާމަސީތަކާއި، ގަވާއިދާ ހިލާފަށް ފާމަސީ ޕްރޮފެޝަނަލުން ބައިތިއްބައިގެން ބޭސް ވިއްކާ ތަންތަނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފިއެވެ. އެ އޮތޯރިޓީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ރާއްޖެއަށް ބޭސް އިމްޕޯޓްކޮށް ވިއްކޭނީ ބޭހާ ބެހޭ ގަވާއިދުގެ ދަށުން އެމްއެފްޑީއޭގައި ރަޖިސްޓްރީވެ، ހާއްސަ ހުއްދައެއް ލިބިގެން ކަމަށެވެ.

އެމްއެފްޑީއޭ އިން ބުނި ގޮތުގައި، ފާމަސީތަކުގައި ބޭސް ވިއްކުމުގެ ހުއްދަ އާންމުންނަށް ފެންނާނެހެން ހަރުކޮށްފައި ހުންނަން ޖެހޭނެއެވެ. އަދި ފާމަސީތަކުގައި މަސައްކަތްކުރާ ފަރާތްތަކަކީ އެ އޮތޯރިޓީގެ ހުއްދަ ލިބިފައިވާ ފާމަސީ ޕްރޮފެޝަނަލުންނަށް ވާންޖެހޭނެ ކަމަށާއި، މަސައްކަތް ކުރާ ވަގުތު ފާމަސިސްޓް އައިޑީކާޑު ބޭނުންކުރުމަކީ މަޖުބޫރު ކަމެއް ކަމުގައި އެ އޮތޯރިޓީން ވަނީ ހަނދާންކޮށްދީފައެވެ.

ބޭސް ގަންނަ އިރު އާންމުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް ވެސް އެމްއެފްޑީއޭ އިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ބޭސް ދޫކުރާ ފަރާތަކީ ހުއްދަ އޮތް ފާމަސިސްޓެއްތޯ ބެލުމަށާއި، ބޭހުގެ މުއްދަތު ހަމަވާ ތާރީހު ޔަގީންކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން، ބޭސް ބޭނުންކުރަންވީ ގޮތުގެ އިރުޝާދު ސާފުކޮށް ލިޔެފައިވޭތޯ ބެލުމަށާއި، ފިނީގައި ބަހައްޓަންޖެހޭ ބޭސްތައް އައިސް ޕެކް ފަދަ ތަކެތި ބޭނުންކޮށްގެން ރައްކާތެރިކަމާއެކު ޕެކްކޮށްފައިވޭތޯ ބެލުމަށް ވެސް އަންގާފައިވެއެވެ.

އެމްއެފްޑީއޭ އިން އިތުރަށް ބުނީ، ހުއްދަ ނެތި ބޭސް ވިއްކާ ތަންތަނާއި ފާމަސީ ޕްރޮފެޝަނަލުންގެ ހުއްދަ ނެތި ހިންގާ ފާމަސީތައް މޮނިޓަރކޮށް ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ. މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާ ނަމަ އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅުމަށް ވަނީ އެދިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *