Tuesday, 28 July 2026

ތާޖް އެގްޒޯޓިކާ ކައިރިން ބޯޓެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިއްޖެ

ކ. ތާޖް އެގްޒޯޓިކާ ރިސޯޓް ކައިރިން ދަތުރުކުރި "ބަލްމާ-6″ ނަމަކަށް ކިޔާ ބޯޓެއް ބަންޑުން ޖަހާލައި، އޭގައި ތިބި މީހުންގެ ތެރެއިން ދެ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާ ހިނގި އިރު އެ ބޯޓުގައި ޖުމްލަ ހަތަރު މީހުން ތިއްބެވެ.

މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ ދިވެއްސަކާއި ބިދޭސީއެކެވެ. ބޯޓުން ދަތުރުކުރި އަނެއް ދެ މީހުން އެ ސަރަހައްދުން ދަތުރުކުރި އެހެން ދޯންޏަކަށް ނަގާފައިވާ ކަމަށް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން މިހާރު އަންނަނީ ކުރަމުންނެވެ.

އެމްއެންޑީއެފުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ބަންޑުން ޖަހާލި ބޯޓު މިހާރު އޮތީ އެ ސަރަހައްދުގެ ފަރުމަތީގައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާ ގުޅޭ އިތުރު ތަފްސީލެއް އަދި ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

ސިފައިން މިހާރު އަންނަނީ ހާދިސާ ހިނގި ސަރަހައްދުގައި ގެއްލުނު މީހުން ހޯދުމުގެ އިތުރުން، ފަރުމައްޗަށް ލައްގާފައިވާ ބޯޓު ފުންކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ސިފައިން ދަނީ ބަލަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *