އެކުވެރި އަރަބި އިމާރާތުގެ އަބޫދާބީގައި ބޭއްވުމަށް ހަމަޖެހިފައިވާ "އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް 2026″ ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ޚަލީލް އިއްޔެ، 12 ޖެނުއަރީގައި އެ ގައުމަށް ފުރާވަޑައިގެންފިއެވެ. މި މަހުގެ 13 އިން 14 އަށް ކުރިއަށްދާ މި ބައްދަލުވުމަކީ ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ މުހިންމު ޕްލެޓްފޯމެކެވެ.
އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކަކީ ދުނިޔޭގެ ގައުމުތަކުގެ އިސްވެރިންނާއި، ވަޒީރުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ އިތުރުން ސިނާއީ ދާއިރާތަކުގެ ލީޑަރުންނާއި މާހިރުން އެއްތަނަކަށް އެއްވެ، ދުނިޔެއަށް ކުރިމަތިވެފައިވާ މުހިންމު ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރާ ފޯރަމެކެވެ. މީގެ ތެރޭގައި މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި، ހަކަތައިގެ ދާއިރާއަށް އަންނަ ބަދަލުތަކާއި، އައު އީޖާދުތަކާއި ދެމެހެއްޓެނިވި ކުރިއެރުމާ ގުޅޭ މައުލޫއުތައް ހިމެނެއެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވުމަކީ، ދެމެހެއްޓެނިވި ތަރައްގީއަށާއި މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި ބައިނަލްއަގުވާމީ ދާއިރާގައި ރާއްޖެއިން ބާއްވާ ގާތް ގުޅުން ހާމަކޮށްދޭ ކަމެކެވެ. އަދި މިއީ އިއާދަކުރަނިވި ހަކަތައާއި، މޫސުމީ ވިލުންތެރިކަމާއި، އައު އީޖާދުތަކާ ގުޅޭގޮތުން ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަޝްވަރާތަކުގައި ރާއްޖޭގެ ހަރަކާތްތެރި ދައުރު ރަމްޒުކޮށްދޭ ބައިވެރިވުމެކެވެ.
މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު ޑރ. ޚަލީލްގެ އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީ ޚަދީޖާ ނަޖީހާ އާއި އެސިސްޓަންޓް ޑައިރެކްޓަރު ފާތިމަތު ރީނާ ބައިވެރިވެވަޑައިގަންނަވައެވެ.


