ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައާއި އަނބުރާ ރާއްޖެ އަންނައިރު، އެމީހުންގެ އަތުގައި މުއްދަތު ހަމަނުވާ ސައްހަ އީ-ވީޒާއެއް އޮތްކަން ކަށަވަރުކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން އިލްތިމާސްކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނި ގޮތުގައި، ވީޒާއާ ގުޅުންހުރި ހުރިހާ ހިދުމަތްތަކެއް މިހާރު ވަނީ އޮންލައިންކޮށްފައެވެ. މީގެ ސަބަބުން ބިދޭސީންނަށް ވީޒާ ދޫކުރާ އުސޫލަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. ވޯކް ޕާމިޓް އޮންނަ ބިދޭސީންނަށް ރާއްޖެއަށް ވަދެވޭނީ ނުވަތަ ރާއްޖެއިން ފުރޭނީ މުއްދަތު ހަމަނުވާ އީ-ވީޒާއެއް އޮތް ނަމަ އެކަންޏެވެ.
މީގެ އިތުރުން، އަލަށް ރާއްޖެ އަންނަ ބިދޭސީންގެ ތެރެއިން ވޯކް ޕާމިޓް އޮންނަ ފަރާތްތަކުން ރާއްޖެއަށް އެތެރެވުމުގެ ކުރިން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ދޫކުރާ މުއްދަތު ހަމަނުވާ އެންޓްރީ ޕާހެއް ހޯދަން ޖެހޭނެ ކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.
ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ބެލެހެއްޓުމުގައި ވަޒީފާދޭ ފަރާތްތަކުގެ ޒިންމާ ބޮޑުކަން ފާހަގަކުރަމުން އިމިގްރޭޝަނުން ބުނީ، އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓްރީވެފައިވާ ވަޒީފާދޭ ފަރާތްތަކުން މުވައްޒަފުންގެ ވީޒާގެ މުއްދަތު އޮތްތޯ ކަށަވަރުކުރަން ޖެހޭނެ ކަމަށެވެ. އީ-ވީޒާގެ މުއްދަތު ގުޅިފައިވަނީ އެ މީހަކަށް ދޫކޮށްފައިވާ ވޯކް ޕާމިޓްގެ މުއްދަތާއެވެ.
އިމިގްރޭޝަނުން އިތުރަށް ބުނެފައިވަނީ، ވޯކް ވީޒާގެ މަރުހަލާ ފުރިހަމަނުކޮށް ބިދޭސީއަކަށް ރާއްޖެއިން ފުރޭނީ އެންމެ ފަހަރަކު ކަމަށެވެ. އެއީ ރާއްޖެ އެތެރެވިތާ 15 ދުވަހުގެ ތެރޭގައި، އަދި އެމީހެއްގެ ވޯކް ޕާމިޓްގެ މުއްދަތު އޮތް ނަމައެވެ.
ދިވެހިރާއްޖޭގައި އީ-ވީޒާގެ ހިދުމަތް ތައާރަފްކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. ރާއްޖެއަކީ މި ސަރަހައްދުގައި މި ހިދުމަތް އެންމެ ފުރަތަމަ ތައާރަފްކުރި ގައުމެވެ.


