ތިމާވެށި ހިމާޔަތްކުރުމަށާއި ހަކަތަ އިގްތިސާދު ކުރުމަށް ކުރެވޭ މަސައްކަތްތަކުން އެދެވޭ ނަތީޖާއެއް ނެރެވޭނީ ބައިނަލްއަގުވާމީ އެހީތެރިކަމާއި ބައިވެރިވުންތަކުގެ ތެރެއިން ކަމަށް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީގެ 16 ވަނަ އެސެމްބްލީގެ ޕްރީ-އެސެމްބްލީގެ ތެރެއިން ބޭއްވި ހައި-ލެވެލް ޕޮލިޓިކަލް ފޯރަމް 2026 ގެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތައް ތަންފީޒުކުރުމުގައި ބައިނަލްއަގުވާމީ އެހީތެރިކަމާއި ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޝްވަރާތައް ބިނާކޮށްފައިވަނީ ސަރަހައްދީ ފެންވަރުގައި ހަކަތައަށް ބަދަލުވުމާއި، ގްރިޑްތަކާއި ހަކަތަ ޕްލޭންކުރުން ފަދަ މުހިންމު ކަންކަމުގެ އިތުރުން، ޑިޖިޓަލް އިނޮވޭޝަނާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުމުގެ މައްޗަށެވެ. މީގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި އޭވިއޭޝަން ފިއުލް ހޯދުމަށް ފައިނޭންސް ހޯދުމާއި، އިއާދަކުރަނިވި ހަކަތައިގެ ޒަރީއާއިން ދަނޑުވެރިކަމާއި ގްރީން އިންޑަސްޓްރިއަލައިޒޭޝަން ކުރިއެރުވޭނެ ގޮތްތަކާ މެދު ވެސް މަޝްވަރާ ކުރެވުނެވެ.
އައިރީނާ އެސެމްބްލީގެ ހަވާސާގައި މިނިސްޓަރު ތޯރިގު ވަނީ ޔޫއޭއީން އައިރީނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ނަވާލް އަލް-ހޮސަނީއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި އިއާދަކުރަނިވި ހަކަތަ ތަރައްގީކުރުމާއި، ދެމެހެއްޓެނިވި އައު އީޖާދުތަކާއި، ދިގު މުއްދަތުގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުން ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވުނެވެ.
މި ބައްދަލުވުމުގައި ދެ ގައުމުން ވެސް ވަނީ އައިރީނާ މެދުވެރިކޮށް ގުޅުން ބަދަހިކުރުމަށާއި، މޫސުމީ ބަދަލުތަކަށް ކެތްތެރި، ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިވާ ސާފު ހަކަތައިގެ ހައްލުތައް ކުރިއެރުވުމަށް މަސައްކަތްކުރުމަށް އެއްބަސްވެފައެވެ. މިއީ ދުނިޔޭގެ ފެންވަރުގައި އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖެއާއި ޔޫއޭއީގެ ބައިވެރިވުން އިތުރަށް ވަރުގަދަވެގެންދާނެ ކަމެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އައިރީނާގެ މި ބައްދަލުވުމަކީ 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެޗް.އެލް.ޕީ.އެފް އަށް ތައްޔާރުވުމުގެ ގޮތުން ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.


