ފެނަކަ ކޯޕަރޭޝަންގެ ގޮފިތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަޝްރޫއަކާ ގުޅިގެން އެ ކުންފުނީގެ ކުރީގެ ދެ އިސްވެރިއެއްގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
މި މައްސަލާގައި ދައުވާ އުފުލާފައިވަނީ ފެނަކައިގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ކުރީގެ ޑެޕިއުޓީ ޑައިރެކްޓަރު މަރިޔަމް ދީނާ ސޯލިހު އާއި އައިސީޓީ ޑިޕާޓްމަންޓުގެ ކުރީގެ ހެޑް އިސްމާއިލް ޝަމޫންގެ މައްޗަށެވެ. މި ދެ ބޭފުޅުންގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމާއި ކޮރަޕްޝަނުގެ ދައުވާއެވެ.
ޕީޖީ އޮފީހުން ހާމަކުރި ގޮތުގައި، މި ދައުވާތަކަކީ 25 ޖޫން 2018 ގައި ކައިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި ފެނަކަ ގޮފިތަކުގެ ސެކިއުރިޓީ ކެމެރާ ސިސްޓަމާއި، ކޮމާންޑް ސެންޓަރ އަދި ވީޑިއޯ ކޮންފަރެންސިންގ ވަސީލަތްތައް ގާއިމުކުރުމުގެ މަޝްރޫއާ ގުޅުންހުރި ދައުވާތަކެކެވެ. ދައުވާގައި ބުނެފައިވަނީ ދީނާ އާއި ޝަމޫން އެ މީހުންގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެ ކުންފުންޏަށް މަޝްރޫއު ހަވާލުކޮށް، މުދާ ލިބުމުގެ ކުރިން ފައިސާ ދޫކުރުމަށް ހުއްދަ ދީފައިވާ ކަމަށެވެ.
މި ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. ފެނަކައަކީ މީގެ ކުރިންވެސް ކޮރަޕްޝަނާއި ސިޔާސީ ބޭނުންތަކަށް ކުންފުނި ބޭނުންކުރާ ކަމުގެ ގިނަ ތުހުމަތުތަކެއް އަމާޒުވެފައިވާ ކުންފުންޏެކެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު އޮޑިޓް އޮފީހުން ނެރުނު ހާއްސަ އޮޑިޓް ރިޕޯޓެއްގައިވެސް ފެނަކައިގެ ތެރޭގައި ހިންގާފައިވާ ބޮޑެތި އޮޅުވާލުންތަކާއި ކޮރަޕްޝަނުގެ ތަފްސީލުތައް ހާމަކޮށްފައިވެއެވެ. މީގެ އިތުރުން، ނިމިދިޔަ ސަރުކާރުގައި ފެނަކައިން އެކި ކުންފުނިތަކަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދައްކައި އޮތުމުން ބައެއް ކުންފުނިތަކުން ވަނީ ކޯޓަށް މައްސަލަވެސް ހުށަހަޅާފައެވެ.
ފެނަކައިގެ ކުރީގެ މެނޭޖިންގ ޑައިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށްވެސް ކޮރަޕްޝަނުގެ މައްސަލައެއް ސާބިތުވެ، ކްރިމިނަލް ކޯޓުން ވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ސައީދު އެ ތުހުމަތުތަކަށް އިންކާރު ކުރައްވާއިރު، އޭނާގެ އިތުރު މައްސަލަތަކެއްވެސް ދަނީ ތަހުގީގު ކުރަމުންނެވެ.


