Tuesday, 28 July 2026
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު - ރައީސް އޮފީސް

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަނީ: ރައީސް

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލުމުގެ ފުރުސަތު، އާންމުންގެ ކަންބޮޑުވުންތަކާއި ހުށަހެޅުންތަކަށް ރިއާޔަތްކޮށް ޝަރުތުތަކަށް ބަދަލު ގެނައުމަށްފަހު ހުޅުވާލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ. ރައީސް މިކަން އިއުލާނު ކުރެއްވީ ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައެވެ.

ރައީސް ވިދާޅުވީ، ޖެނުއަރީ 15 ވަނަ ދުވަހު ހުޅުވާލާ ގާތްގަނޑަކަށް 7,900 ފްލެޓާއި 15,000 ގޯއްޗަށް ކުރިމަތިލުމުގެ އުސޫލުތައް އެކުލަވާލާފައިވަނީ ފަހަކަށް އައިސް ބޭއްވި ބައްދަލުވުންތަކުގައި އާންމުން ހުށަހެޅި ކަންކަމަށް ބަލައިގެން ކަމަށެވެ. އެގޮތުން، މީގެ ކުރީގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން އެއް ކޮޓަރީގެ ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، އާއިލާ ބޮޑުވުމުގެ ސަބަބުން އެތަނުގައި އުޅެން ދަތިވާ ފަރާތްތަކަށް، މިހާރު ހުރި ތަން ދޫކޮށްލާ ގޮތަށް ތިން ކޮޓަރީގެ ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ކުރީގެ މަޝްރޫއުތަކުން ދެ ކޮޓަރީގެ އެޕާޓްމަންޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން 18 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ކުދިން ތިބި އާއިލާތަކަށް ވެސް އާ ޔުނިޓްތަކަށް ކުރިމަތިލެވޭނެއެވެ. އަދި އާންމުންގެ އެދުމުގެ މަތިން، މާލޭގައި ރަޖިސްޓްރީވެފައިވާތާ މަދުވެގެން އެއް އަހަރު ވެފައިވާ ފަރާތްތަކަށް ވެސް ފްލެޓަށް ކުރިމަތިލުމުގެ ހުއްދަ ދިނުމަށް ވަނީ ނިންމާފައެވެ.

ގޯތި ދޫކުރުމުގެ އުސޫލާ ގުޅޭގޮތުން ރައީސް ވިދާޅުވީ، 15,000 ގޯތީގެ ތެރެއިން 7,000 ގޯތި ހާއްސަކޮށްފައިވަނީ މާލޭގެ އަސްލު ރަށްވެހިންނަށް ކަމަށެވެ. އަދި މާލޭ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 1,000 ގޯތި، ފަހުން ރަޖިސްޓްރީވި ފަރާތްތަކަށް 2,000 ގޯތި، އަދި އެއްވެސް ބިމެއް ނެތް ފަރާތްތަކަށް 500 ގޯތި ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ އަތޮޅުތެރޭގެ ރައްޔިތުންނަށް 3,000 ގޯތި އަދި ހަނި ގޯޅިތަކުގައި ހުރި ގެތައް ދޫކޮށްލާ ފަރާތްތަކަށް 1,500 ގޯތި ހާއްސަކޮށްފައިވެއެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ފެށީ ދައުރުގެ ފަހުކޮޅަށް މަޑުނުކޮށް، ފުރަތަމަ ދުވަހުން ފެށިގެން ކަމަށެވެ. އަދި މިއީ ރައްޔިތުންނަށް ދާއިމީ އަދި އިހުލާސްތެރި ހައްލެއް ހޯދައިދިނުމަށް ކުރެވޭ މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *