ނެސްލޭ ކުންފުނީގެ އެސްއެމްއޭ ބްރޭންޑުގެ ބައެއް ބޭބީ ފޯރމިއުލާ ބެޗްތަކުގައި ކާނާ ވިހަވާ މާއްދާއެއް ކަމަށްވާ 'ސެރޫލައިޑް' ހުރިކަން ފާހަގަކުރެވިފައިވާތީ، އެ ތަކެއްޗަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ރާއްޖޭގެ ފާމަސީތަކަށާއި އާންމުންނަށް އިލްތިމާސްކޮށްފިއެވެ.
އެމްއެފްޑީއޭ އިން ހާމަކުރި ގޮތުގައި، ލެބޯޓްރީ ޓެސްޓުތަކުން އެސްއެމްއޭ އިންފަންޓް ފޯމިއުލާ އަދި ފޮލޯ-އޮން ފޯމިއުލާގެ ބައެއް ބެޗްތަކުން މި ވިހަ މާއްދާ ވަނީ ފެނިފައެވެ. މިކަމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ނެސްލޭ ކުންފުނިން ވަނީ އެ ބެޗްތައް ބާޒާރުން ނެގުމަށް ނިންމާފައެވެ. ބައިނަލްއަގުވާމީ މާކެޓުގައި ވެސް މި އުފެއްދުންތައް ބޭނުންކުރާ 25 ގައުމެއްގައި މިހާރު ވަނީ މި އުފެއްދުންތައް އަނބުރާ ގެންދަން ފަށާފައެވެ.
ސެރޫލައިޑަކީ 'ބެސިލަސް ސެރިއަސް ކިޔާ ބެކްޓީރިއާއަކުން އުފައްދާ ވިހަ މާއްދާއެކެވެ. މި މާއްދާ ހިމެނޭ ކާނާއެއް ބޭނުންކުރުމުން މޭނުބައިކުރުމާއި، ހޮޑުލުމާއި، ބަނޑުގައި ރިއްސުން ފަދަ އަލާމާތްތައް ވަރަށް އަވަހަށް ފެންނަން ފަށާނެ ކަމަށް ސިއްހީ އިދާރާތަކުން ބުނެއެވެ. މި މައްސަލަ ދިމާވެފައިވަނީ 2026 ވަނަ އަހަރުގެ އޭޕްރީލް، މޭ، ޖޫން، ޖުލައި، އޮކްޓޫބަރު އަދި ނޮވެމްބަރު މަހު މުއްދަތު ހަމަވާ އެސްއެމްއޭގެ އުފެއްދުންތަކަށެވެ.
ނެސްލޭ އިން ބުނި ގޮތުގައި މި ތަކެތި ވިއްކާފައިވަނީ ޔޫރަޕްގެ ގައުމުތަކުގެ އިތުރުން ތުރުކީ އަދި އާޖެންޓީނާގައެވެ. މި ވިހަ މާއްދާ ފެނިފައިވަނީ މި އުފެއްދުންތައް ތައްޔާރުކުރުމަށް ބޭނުންކުރި ރޯ މެޓީރިއަލް ނުވަތަ ރަނގަޅު ނުކުރެވި ހުރި ތަކެތިންނެވެ. މި މައްސަލައާ ގުޅިގެން ނެސްލޭގެ ހިއްސާގެ އަގު ވެސް ވަނީ ތިން އިންސައްތައަށް ވުރެ ބޮޑަށް ދަށަށް ގޮސްފައެވެ.
ސަލާމަތް ރައްކާތެރިކަމަށް، އެމްޑީއެފްއިން ތިރީގައި ހިމެނޭ ހާއްސަ ޕްރޮޑަކްޓުތައް ވިއްކުމާއި ބެހުން ވަނީ މަނާކޮށްފައެވެ. އޭގެތެރެއިން ހިމެނެނީ:
- އެސްއެމްއޭ އެޑްވާންސް ފަސްޓް އިންފެންޓް މިލްކް 800 ގުރާމް
- އެސްއެމްއޭ އެޑްވާންސް ފޮލޯ އޮން މިލްކް 800 ގުރާމް
- އެސްއެމްއޭ އެންޓި ރެފްލަކްސް 800 ގުރާމް
- އެސްއެމްއޭ އަލްފަމިނޯ 400 ގުރާމް
- އެސްއެމްއޭ ފަސްޓް އިންފެންޓް މިލްކް 800 ގުރާމް
- އެސްއެމްއޭ ފަސްޓް އިންފެންޓް މިލްކް 400 ގުރާމް
- އެސްއެމްއޭ ފަސްޓް އިންފެންޓް މިލްކް 1.2 ކިލޯ ގްރާމް
- އެސްއެމްއޭ ލިޓުލް ސްޓެޕް ފަސްޓް އިންފެންޓް މިލްކް 800 ގުރާމް
- އެސްއެމްއޭ ކޮމްފޮޓް 800 ގުރާމް
- އެސްއެމްއޭ ފަސްޓް އިންފެންޓް 200 މިލި ލީޓަރު
- އެސްއެމްއޭ ފަސްޓް އިންފެންޓް 70 މިލި ލީޓަރު
- އެސްއެމްއޭ ލެކްޓޮސް ފްރީ 400 ގްރާމް
ދުނިޔޭގެ ތުއްތު ކުދިންގެ ކާނާގެ މާކެޓުގެ ބޮޑު ބައެއް ކޮންޓްރޯލް ކުރާ ނެސްލޭގެ އިތުރުން، އެހެން ބައެއް ކުންފުނިތަކަށް ވެސް މިފަދަ މައްސަލަތައް ވަނީ ކުރިމަތިވެފައެވެ. އެގޮތުން ރެކިޓް ކުންފުނީގެ މީޑް ޖޯންސަން ބިޒްނަސްއާ ދެކޮޅަށް ވެސް އެމެރިކާގައި ވަނީ ގިނަ ދައުވާތަކެއް އުފުލިފައެވެ. އެމްއެފްޑީއޭ އިން ދަނީ ރާއްޖޭގެ ބާޒާރުގައި މިފަދަ ނުރައްކާތެރި ބެޗްތައް ހުރިތޯ ބަލައި ފިޔަވަޅު އަޅަމުންނެވެ.


