އެމެރިކާގެ ސިޔާސަތުތައް ބައްޓަންކުރުމުގައި ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ބަރޯސާނުވާނެ ކަމަށާއި، އެމެރިކާގެ އަމަލުތައް ހިފަހައްޓާނެ ހަމައެކަނި އެއްޗަކީ އޭނާގެ "އަމިއްލަ އަޚްލާޤީ މިންގަނޑުތައް" ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް މިހެން ވިދާޅުވީ ވެނެޒުއޭލާގެ ރައީސް ނިކޮލަަސް މަދޫރޯ ހައްޔަރުކުރުމަށް އެމެރިކާގެ އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަނަކަށް ފަހުގައެވެ.
ވެނެޒުއޭލާގެ ވެރިރަށް ކަރަކަސް އަށާއި އެ ޤައުމުގެ އަސްކަރީ މަރުކަޒުތަކަށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއް ދީ މަދޫރޯ މަޤާމުން ދުރުކޮށްފައިވާއިރު، މިއީ އދ. ގެ ޗާޓަރާ ޚިލާފަށް ހިންގި އަމަލެއް ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ނަމަވެސް ޓްރަމްޕް ވިދާޅުވީ އެމެރިކާއިން ވެނެޒުއޭލާގެ ކަންކަން ބަލަހައްޓާނެ ކަމަށާއި، އެ ޤައުމުގެ ތެލުގެ ވަސީލަތްތަކުގެ ބޭނުން އެމެރިކާއިން ހިފާނެ ކަމަށެވެ.
މީގެ އިތުރުން، ވެނެޒުއޭލާގައި މިހާރު އުފައްދާފައިވާ ވަގުތީ ސަރުކާރުގެ ވެރިޔާ ޑެލްސީ ރޮޑްރިގޭޒް އެމެރިކާގެ އެދުންތަކަށް އިޖާބަ ނުދީފިނަމަ، އިތުރު އަސްކަރީ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ޓްރަމްޕްގެ ސަރުކާރުން ވަނީ ދީފައެވެ. އަދި ރޮޑްރިގޭޒްއަށް ބޮޑެތި އަދަބުތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރުވެސް ޓްރަމްޕް ވަނީ ދެއްވާފައެވެ.
ޓްރަމްޕްގެ ސަރުކާރުން ދަނީ އެމެރިކާގެ މަސްލަހަތު ހިމާޔަތްކުރުމަށް އަސްކަރީ ބާރުގެ ބޭނުންކުރުމަށް ފަސްނުޖެހޭނެ ކަމުގެ އިޝާރާތްތައް ދެމުންނެވެ. މީގެ ތެރޭގައި ކޮލަމްބިއާއަށް ދެމުންދާ އިންޒާރުތަކާއި، ގްރީންލޭންޑް ހޯދުމަށް ކުރާ މަސައްކަތްތަކުގެ އިތުރުން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ދީފައިވާ ހަމަލާތައް ހިމެނެއެވެ. ޓްރަމްޕްގެ އިސް އެހީތެރިއެއް ކަމަށްވާ ސްޓީފަން މިލާ ވިދާޅުވީ، ދެވަނަ ބޮޑު ހަނގުރާމައަށްފަހު އުފެދުނު ބައިނަލްއަޤްވާމީ ނިޒާމަށް އެމެރިކާއިން ބޯނުލަނބާނެ ކަމަށެވެ.
ނަމަވެސް، ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އަމަލުކުރުން ހުއްޓާލުމަކީ ދުނިޔެއަށް ނުރައްކާތެރި ނަތީޖާތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ކަމާބެހޭ މާހިރުން އިންޒާރު ދެއެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި މިކަމުގެ ސަބަބުން ޗައިނާ އާއި ރަޝިއާ ފަދަ ބާރުތަކުންވެސް މިފަދަ ހަރުކަށި އަމަލުތައް ހިންގުމަށް ހިތްވަރު ލިބޭނެއެވެ. އަދި ލެޓިން އެމެރިކާގެ ޤައުމުތަކަށް އެމެރިކާއިން އަތްގަދަކުރުމަކީ ތާރީޚީ ގޮތުން ބަލާއިރު އެ ސަރަހައްދުގެ ހަމަޖެހުން ގެއްލި، ބޮޑެތި ނުތަނަވަސްކަން އުފެދޭ ކަމެއްކަންވެސް މާހިރުން ފާހަގަކުރެއެވެ.


