ދިވެހިރާއްޖެ ފަދަ ސައްތަ އިންސައްތަ މުސްލިމް މުޖުތަމައެއްގައި އިސްލާމީ އުސޫލުތަކާއި ދީނީ ކަންކަމަށް ހުރަސްއަޅާ ނުވަތަ ބިރުދައްކާ ފަދަ ސިޔާސީ ފިކުރުތަކަށް ޖާގަދީގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އާ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި، ގާމަރީގެ ކަންކަން ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް ހުށަހަޅާފައިވާ އިސްލާހާ މެދު އިދިކޮޅު ބައެއް ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި އިސްލާމީ އަގުތަކާ ފުށުއަރާ ފިކުރުތަކަށް ތާއީދުކުރާ ނުވަތަ އެފަދަ ކަންކަމަށް މަގުފަހިކޮށްދޭ މީހުން އިންތިހާބު ކުރުމަކީ ހެދޭނެ ވަރަށް ބޮޑު ގޯހެއް ކަމަށް ރައީސް އިންޒާރު ދެއްވިއެވެ.
އިސްލާމީ ގައުމެއްގެ އާދަކާދަތައް ބިނާވެފައި އޮންނަންވާނީ ދީނީ އަސާސްތަކުގެ މައްޗަށް ކަމަށާއި، ސަރުކާރު ހިންގުމުގެ ނިޒާމަށް ހަގީގީ އިސްލާހެއް ގެނެވޭނީ ރައްޔިތުން އެއްބައިވަންތަކަމާއެކު އެ އަގުތަކުގައި ހިފަހައްޓައިގެން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ، އިސްލާމްދީން ހިމާޔަތްކުރުމާއި ދައުލަތުގެ ކަންކަން އިސްލާމީ އުސޫލުތަކުގެ ތެރެއިން ކުރިއަށް ގެންދިއުމަކީ މި ސަރުކާރުގެ އެންމެ އިސް ސިޔާސަތު ކަމަށެވެ.
މި ސިޔާސަތުގެ ދަށުން ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މަސާޖު ޕާލާގެ ނަމުގައި ހިންގަމުންދިޔަ ބޭއަދަބީ 104 ތަނެއް ފާއިތުވި މަސްދުވަހުގެ ތެރޭގައި މާލެ ސިޓީން ބަންދުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، މަސްތުވާތަކެތީގެ ވަކި މިންވަރަކަށް ވުރެ ގިނައިން ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހުތަކަށްވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ.
ލޯކަލް ޓޫރިޒަމްގެ ގަވާއިދުތަކަށާއި ސަފާރީތައް ހިންގުމުގެ އުސޫލުތަކަށް ގެންނަ ބަދަލުތައް ވަރަށް އަވަހަށް ގެޒެޓް ކުރެވޭނެ ކަމަށްވެސް ރައީސް އިއުލާނު ކުރެއްވިއެވެ. މި އިސްލާހުތައް ތަންފީޒުކުރުމުގައި ކައުންސިލްތަކުގެ ދައުރު ބޮޑުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ ސިޔާސީ ގޮތުން އަންނަ ލޮޅުންތަކުގެ ތެރެއިން ދިވެހިންގެ އަމިއްލަވަންތަކަމާއި އައިޑެންޓިޓީ ދޫކޮށްލުމަކީ ގޯހެއް ކަމަށާއި، މިނިވަންކަމާއެކު ވިސްނާ މީހުންނަށް ހަގީގަތް އޮޅުންފިލާނެ ކަމަށެވެ.


